ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ރާއްޖެއިން އިސްނަގައިގެން ހުށަހެޅި ގަރާރު އދގެ އާއްމު މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

ރާއްޖެއާއިއެކު، އެ ގަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި ހިމެނެނީ އެލް ސަލްވަޑޯ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ގަތަރް، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާ އެވެ.

އެ ގަރާރު ފާސްވުމާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަސް ފާހަގަކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީ ގެ ގޮތުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ގަރާރު އެކުލަވާލުމުގެ މަސައްކަތް ފެށުނީ އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބާއްވަވަމުން ގެންދަވާ "ހޮށުއަޅި ޑައިލޮގްސް" މަޝްވަރާ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކަމަށެވެ.

އެ ގަރާރު އދގެ މަޖިލީހަށް ހުށަހެޅުއްވީ އދއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެއިނެވެ.

އދއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ

ގަރާރު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި ތިލްމީޒާ ވިދާޅުވީ، މިއީ ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އަންހެނުންނަށްވެސް ޑިޕްލޮމެސީގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު ހުންނެވި ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، މިންތީގެ ހަމަހަމަކަމަށް އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ. އެކަމަށް ޝުކުރު އަދާކުރަން." ތިލްމީޒާ ވިދާޅުވިއެވެ.

ގާރާރު ފާސްވުމާ ގުޅިގެން އާއްމު މަޖިލީހާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން ސުލްހައަށް މަޝްވަރާކޮށް، ބައިނަލްއަގްވާމީ ގުޅުންތައް ވަރުގަދަކޮށް، ނުރައްކަލާ ތުރާތައް ގިރާކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ.

އަދި އެކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ހާއްސަ ދުވަހެއް ކަނޑައެޅިގެން ހިނގައްޖެކަމަށް ވިދާޅުވިއެވެ.

އދގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުހައްމަދު އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، އެކަމުގައި ރާއްޖެއިން އިސްނެގިކަމަށްޓަކައި މަރުހަބާ ވިދާޅުވިއެވެ.

ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންގެ ބައިނަލްއަގްވަމީ ދުވަސް ފާހަގަކުރުމުގެ ގަރާރު 191 ގައުމަކުން ކޯ ސްޕޮންސަރު ކުރިއިރު، 85 ގައުމަކުން ވަނީ ގަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނިފައެވެ.