އިންޑޮނޭޝިއާގެ ޖަންގަލީގައި އަލިފާންގަނޑެއް ރޯވެ، ދުމުގެ އަސަރުތައް ކުރުމުންދާތާ އެތައް ދުވަހެއް ފަހުން އެ ޤައުމުގެ ބޮޑު ބައެއްގެ ފަޒާ ރަތްކުލަ އަށް ބަދަލުވެއްޖެއެވެ.

އެ ގައުމުގައި ދިރިއުޅެމުންދާ ރައްޔިތަކު ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މިގޮތަށް މަޑު ރަތްކުލަ އެއް އަރާފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި ނަމަވެސް، މިފަހުން ރަތްކުލަ ވަރަށް ގަދަވެފައިވާ ކަމަށެވެ.

މިގޮތަށް ރަތް ކުލަ އަރާފައި މިވަނީ އަލިފާނުގެ ސަބަބުން އަރާ ދުމާއި، ހިރަފުހާއި އެއްވުމުގެ ސަބަބުންނެވެ. މިކަމަށް ކިޔާ ނަމަކީ "ރޭލީ ސްކެޓަރިންގް" ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ބުނެއެވެ.

ކޮންމެ އަހަރަކުވެސް އެ ގައުމުގެ ޖަންގަލީގައި އަލިފާން ރޯވާއިރު، އެ އަލިފާނުން ކުރާ ދުމުގެ އަސަރު ސައުތް އީސްޓް އޭޝިއާގެ އޮންނަ ގިނަ ގައުމުތަކަކަށް ކުރެއެވެ. މިގޮތުން ދާދި ފަހުން މެލޭޝިޔާ އަށްވެސް މި ދުމުގެ އަސަރު ކުރިލެއް ބޮޑުކަމުން 1200 އެއްހައި ސްކޫލްގެ ކިޔެވުންވެސް މެދުކަނޑާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

އިންޑޮނޭޝިއާގެ އާއްމު ރައްޔިތުން ބުނާ ގޮތުގައި މިގޮތަށް ރަތް ކުލަ އަރާފައި އޮތުމުން ވަރަށް ބޮޑަށް ލޯ ހިރުވައި، ކަރަށްވެސް ތަދުވެއެވެ. "މިއީ މާސް އެއް ނޫން. މިއީ ޖަމްބީ (އެ ގައުމުގެ އަވަށެއް). އަހަރެމެން އިންސާނުން ނޭވާލާން ސާފު ވައި ކޮންމެހެންވެސް ބޭނުންވާނެ" ދުމުގެ އަސަރު ކޮށްފައިވާ މީހަކު ބީބީސީ އާއި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

މި އަހަރުތެރޭގައި ދުނިޔޭގެ ބޮޑެތި އެތައް ޖަންގަންޏެއްގައި ރޯވެފައި ވާއިރު، އިންސާނުން ގަސްތުގައި ހުޅު ޖަހާފައިވާ ޖަންގަލިތައް އާދަޔާއި ހިލާފަށް ގިނަކަން ތަފާސް ހިސާބުތަކުން ދައްކައެވެ.