އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެޤައުމުގެ މަލޫކޫ ޕްރޮވިންސުގެ އެންމެ ބޮޑު ޖަޒީރާ ރަށް ކަމަށްވާ ސެރަމް އައިލޭންޑް އަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި، ސެރަމް އައިލޭންޑަށް މި ބިންހެލުން އައި ރެކްޓަރ މިންގަނޑުން 6.6 ގެ ބާރުމިނުގައި ބިމުގެ 33 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމަށްފަހު ހުއްޓުމެއް ނެތި އެ ރަށަށް ބާރުގަދަ ލޮޅުންތައް އަންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މިހާތަނަށް 20 އަށްވުރެ ގިނަ ލޮޅުންތައް އެ ރަށަށް އައިސްފައިވާ ކަމަށް ޔޫރަޕިއަން ސެއިސްމޮލޮޖިކަލް ސެންޓަރުގެ ރެކޯޑުތަކުން ދައްކައެވެ.

މިއަދު ސެރަމް އަށް ފުރަތަމަ އައި ބިންހެލުމުގައި އެ ރަށުގެ ޔުނިވާސިޓީއެއް ހިންގާ އިމާރާތަކާއި ބްރިޖަކަށް ގެއްލުން ލިބިފައި ވެއެވެ. ނަމަވެސް މި ބިންހެލުމުގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތެވެ.

މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއް ނެރެފައި ނުވެއެވެ.

މިދިޔަ އަހަރު އިންޑޮނީޝިއާގެ ޖަޒީރާރަށެއް ކަމަށްވާ ސުލަވެސީއަށް ރެކްޓަރ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި ސުނާމީއެއް އުފެދި ހަތަރު ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 2004 ވަނަ އަހަރު އެޤައުމުގެ ސުމަޓްރާއަށް އަށް އައި ބާރުގަދަ ބިންހެލުމެއްގައި ރާއްޖެ ހިމެނޭހެން މި ސަރަޙައްދުގެ 14 ޤައުމަކަށް ސުނާމީ އަރައި 226000 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

އިންޑޮނީޝިއާ އޮންނަނީ ބިންހެލުންތައް ގިނަ އަދަދަކަށް އަންނަ ސަރަޙައްދެއްގައެވެ. ކަނޑުއަޑީގެ ފަރުބަދަތައް ގިނަ މި ސަރަޙައްދުގައި ފޯލްޓް ލައިނެއް އޮންނަކަން ކުރިން ހާމަވެފައިވާއިރު، މި ސަރަޙައްދަށް ސައިންސްވެރިން ދީފައިވަ ނަމަކީ، "ޕެސިފިކް ރިންގް އޮފް ފަޔާ" އެވެ.

-އިތުރު ތަފްސީލު އަންނަނީ-