ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޤުދުސްގައި ހިންގާފަދަ ލާއިންސާނީ އަމަލުތައް އިންޑިއާ ސިފައިން ޕާކިސްތާނުގެ ކަށްމީރުގައި ހިންގައި، ކުށެއްނެތް މައުސޫމު ދެމައިން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕާކިސްތާން ކަޝްމީރު ފަޅީގެ ލޯކަލް އެޑްމިނިސްޓްރޭޓަރ، ރާޖާ ތާރިގު އާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އިންޑިއާ ސިފައިން މި ހަމަލާ ދީފައިވަނީ، ދެޤައުމު ގުޅޭ ބޯޑަރު ސަރަޙައްދުން ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި އޮންނަ އަވަށެއްގައެވެ. އިންޑިއާ ސިފައިން މި ސަރަޙައްދުގައި ހިންގި ހަރަކާތެއްގައި ދެމައިން ޝަހީދުކޮށްލާފައި ވަނީ މޯޓަރު ބަޑީގެ ހަމަލާއެއް ދީގެން ކަމަށް ތާރިގު ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާގައި ޝަހީދުވެފައި ވަނީ އުމުރުން 60 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ފިރިމީހާ މަރުވެ، ދަރިފުޅާއި އެކު އެކަނި ދިރިއުޅެމުން އައި އަންހެނެއް ކަމަށް ވެއެވެ. މި ހަމަލާގައި އޭނާގެ ދަރިފުޅު ޝަހީދުވީ، ލިބުނު އަނިޔާގައި ހޮސްޕިޓަލަށް ގެންގޮސް ސީރިއަސް ހާލުގައި ފަރުވާދެމުން ދަނިކޮށެވެ. އެމީހުން ދިރިއުޅޭ ގެޔަށް އިންޑިއާ ސިފައިން އަމާޒުކުރި މި ވަރުގަދަ ހަމަލާގައި އިތުރު އަންހެނަކަށްވެސް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާގެ ހާލާއި ގުޅޭގޮތުން ރަސްމީ ފަރާތަކުން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނާއި އިންޑިއާގެ ކޯޅުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާއިރު، މި ހަމަނުޖެހުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. މި ސަރަޙައްދުގެ މައްސަލައިގައި މީގެ ކުރިން އިންޑިއާ އާއި ޕާކިސްތާނުން ދެ ހަނގުރާމައެއްވެސް ކޮށްފައި ވެއެވެ.

މި މައްސަލަ އިތުރަށް ގޯސްވިޔަނުދީ ސުލްޙަވެރި ޙައްލެއް ހޯދުމަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ވަޑައިގެން، އިމްރާން ޚާން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން މައްސަލައަށް ޙައްލެއް ހޯދައި އާފެށުމަކުން ފެށުމަށް، އިމްރާން ޚާން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މަޝްވަރާ ކުރެއްވުމުން އެކަމާއި އޭނާ ދެކޮޅު ހަދާފައިވާ ކަމަށް އިމްރާން ވަނީ ދާދިފަހުން އދ.ގައި ދެއްވި ތަޤުރީރެއްގައި ހާމަކުރައްވާފައެވެ.

އިމްރާން ޚާން ވިދާޅުވީ، އޭގެ ފަހުން ޕާކިސްތާނަށް ހަމަލާ ދިނުމަށް އިންޑިއާގެ އަސްކަރީ ޖެޓުތައް އެޤައުމަށް ފޮނުވުމުންވެސް އެ ޖެޓު ވައްޓާލުމަށްފަހު ހައްޔަރު ކުރި ޕައިލެޓް މިނިވަންކޮށް އަނބުރާ ޤައުމަށް ފޮނުވާލީ، ޕާކިސްތާނުން ބޭނުންވަނީ ސުލްޙައިގެ މަގެއް ހޯދުން ކަމަށްވާތީ ކަމަށެވެ. ނަމަވެސް އިންޑިއާއިން ބޭނުންވަނީ އެޤައުމުގެ އަނިޔާވެރި އަމަލުތައް ހުއްޓާނުލާ ކުރިޔަށް ގެންދިއުމަށް ކަމަށާއި، މިކަމުގެ ސަބަބުން ގެއްލުންތަކާއި ކުރިމަތިވަނީ ކުށެއްނެތް އެތައް ހާސް ރައްޔިތުންނަށް ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކަޝްމީރުގެ މައްސަލަ އިތުރަށް ގޯސްވެ ހޫނުވެފައި ވަނީ، އިންޑިއާގެ ޤާނޫނު އަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީގެ ގޮތުގައި ހަމަޖައްސައި އަޅުވެތި ކުރުމަށް އިންޑިއާ ސަރުކާރުން ނިންމި މައްސަލައިގައެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ސަރަޙައްދަކަށެވެ.

ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.

ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ، މޯދީގެ ކެމްޕޭން ވައުދެކެވެ. މި ވައުދު ފުއްދުމަށް އިންޑިއާއަށް އެންމެ ބޮޑު އެހީއެއް ވަމުންދަނީ، ފަލަސްތީނުގައި މުސްލިމުންނާއި ދެކޮޅަށް ލޭއޮހޮރުވުންތައް ހިންގަމުންދާ އިސްރާއީލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގެރިމޯދިީގެ ދަޅު

    ރޭޕިސްތާނުގެސިފައިންގެ މަށްޗަށް ވަބާއެއްފޮނުއްވާ ގެރިމޯދީ ހަލަަާކުކުރަށްވާންދެެޭވެ

    51
  2. ޢަހްމަދު

    ކަށްމީރު ފަޅިއަކީ ކޮބައިތަ؟

    2
    7
  3. ކޮމެންޓްކުރާމީހާ

    އަހަރެންގެ ދެކޭގޮތުގައި އިންޑިއާއަކީ މި އޭޝިއާ ސަރަހައްދުގެ އިސްރާއީލް...

    19
  4. ކަސްމީރު

    މިރާއްޖެވެސް އެމީހުންގެ އަތްދަށަށް ގޮސްފިނަމަ އުޅެންޖެހޭނީ ހަމައެހާލުގައި. އޭރުން ތިބޭނީ ރާކަނިމަސް ކެވިފަ.

    16
  5. ރާއްޖެތެރެ

    ސުލްހައިގެ މަގެއް ނުފެންނާނެ. ޖެހޭނީ ހަގުރާމަ ކޮއްގެން ބަލިކުރަން.

    6
    1