ހޮންގް ކޮންގްގައި މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުން އެބަ ދެއެވެ.

ހޮންގް ކޮންގްގައި އާއްމުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފެށީ މީގެ ހަތަރު މަސް ދުުވަސް ކުރިންނެވެ. އޭގެ ފަހުން އެ ގައުމުގެ އެތައް ލައްކަ ބަޔަކު ދަނީ ސިލްސިލާގޮތެއްގައި މުޒާހަރާ ކުރަމުންނެވެ.

 

އެ ގައުމުގެ ރައްޔިތުން އެންމެ ފުރަތަމަ މުޒާހަރާއަށް ނުކުތީ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ތަހްގީގަށް ޗައިނާ އަށް ފޮނުވުމަށް ފާސްކުރަން އުޅުނު ގާނޫނާއި ދެކޮޅަށެވެ. މުޒާހަރާތައް ހޫނުވުމުން މި ބިލް އަނބުރާ ގެންދިޔަ ނަމަވެސް ރައްޔިތުން މިހާރު ގެންދަނީ އިތުރު ކަންތައްތަކަށް ޑިމާންޑް ކުރަމުންނެވެ.

މިއަދު ހޮންގް ކޮންގްގައި ބޮޑެތި ހަމަނުޖެހުންތަަކެއް ހިނގަމުން މި ދަނީ ހޮންގް ކޮންގްގެ މައްޗަށް ބާރު ހިންގާ ޗައިނާގައި ކޮމިޔުނިސްޓް ވެރިކަމެއް ކުރަން ފެށިތާ 70 އަހަރު ފުރުން ފާހަގަކުރަމުން ދަނިކޮށެވެ.

ހޮންގް ކޮންގްގެ އެތައް ހާސް ރައްޔިތުން މަގުމައްޗަށް ނުކުމެ ޗައިނާއާ ދެކޮޅަށް އަޑުއުފުލަން ފެށުމުން ފުލުހުން ބަޑި ޖަހަން ފެށި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި ފުލުހުން ދަނީ ފެނަށް ޕެޕާ ސްޕްރޭ އެޅުމަށްފަހު އާއްމުންގެ ގަޔަށް ޖަހަމުންނެވެ.

ބަޑިޖެހުމުގެ ސަބަބުން 15 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން އެކަކު މެޔަށް ވަނީ ވަޒަން އަރާފައެވެ.

ފުލުހުންގެ ހަމަލާތަކަށް މުޒާހަރާގެ ބައިވެރިންވެެސް ދަނީ ރައްދުގައި ހަމަލާތައް ދެމުންނެވެ.

އެގޮތުން ފުލުހުންނަށް ދަނީ ގަލާއި ޕެޓްރޯލް ބޮމް ބޭނުންކޮށްގެން ހަމަލާތައް ދެމުންނެވެ.

ޕެޓްރޯލް ބޮމުގެ ހަމަލާތަކުގައި އެ ގައުމުގެ ބައެއް ހިސާބުތަކުގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް ސްކައި ނިއުސް އިން ރިޕޯޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓެރަރިސްޓް ގޭމް

    ހޮންކޮންގ ގެ ރައްޔިތުން އެންމެ ފުރަތަމަ މުޒާހަރާއަށް ނުކުތީ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ތަހްގީގަށް ޗައިނާ އަށް ފޮނުވުމަށް ފާސްކުރަން އުޅުނު ގާނޫނާއި ދެކޮޅަށެވެ. ރާއްޖޭގައިވެސް މިގޮތަށް އެމްޑީޕީގެ ވެރިކަމުގައި ކުށްތަކުގެ ތުހުމަތު ކުރެވޭ ދިވެހިން އިންޑިއާ އަށް ފޮނުވުމަށް ފާސްކުރުން އޮތީ ވަރަށް ކައިރީގައި.