ހޮންކޮންގައި މުޒާހަރާ ކުރަމުންދާ މީހުންނަކީ ކުރަފިތަކެއް ކަމަށް ބުނެ ފުލުހުން މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް މަތީ ދަރަޖައަކަށް ބާރުގެ ބޭނުން ކޮށްފިކަމަށް ހޮންކޮންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިއްޔެގެ މުޒާހަރާ ހޫނުވީ ޗައިނާގެ ގައުމީ ދުވަހާއި ދިމާކޮށް މުޒާހަރާގެ ބައިވެރިން މުޒާހަރާ އިތުރަށް ވަރުގަދަ ކުރުމުންނެވެ. އިއްޔެ މުޒާހަރާގެ ބައިވެރިން އެއްވީ ސުކޫލްތައް ކައިރިއަށެވެ. މުޒާހަރާގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން އިއްޔެ ފުލުހުން ވަނީ ބަޑި ވެސް ޖަހާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ބަޑި ޖެހުމުން ވަޒަން އެރި ޒުވާނަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލަތު ސްޓޭބަލް ކަމަށް ރިޕޯޓްތައް ބުނެއެވެ. އިއްޔެގެ މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތް ކުރުމުން 100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.

ހޮންކޮންގެ ސަރުކާރާއި ދެކޮޅަށް ހަތަރު ވަރަކަށް މަސް ދުވަސް ކުރިން ފެށި މުޒާހަރާތައް ހުއްޓިދާނެ ކަމުގެ އެއްވެސް މަންޒަރެއް އަދިވެސް ނުފެނެއެވެ. މުޒާހަރާތަކުގެ ސަބަބުން ހޮންކޮންގެ އިޤުތިޞާދަށް އަސަރު ކުރާނެ ކަންބޮޑުވުންތައް މިހާރު ވަނީ އުފެދިފައެވެ.

ހޮންކޮންގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހޮންކޮންގެ މުޒާހަރާއަށް ސުލްހަވެރި ސިޔާސީ ހައްލެއް އައުމަކީ ދުރުކަމެކެވެ. މުޒާހަރާތައް ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ރޫޅާލުން ކަމަށް އެފަރާތްތަކުން ދެކެއެވެ.

ނަމަވެސް މުޒާހަރާތައް ރޫޅާލާ، މުޒާހަރާގެ ބައިވެރިން އެއްވާ ސަރަހައްދުތަކުގައި ފޯރިމަރަން ހޮންކޮންގް ފުލުހުން އަދިވެސް މަސައްކަތެއް ނުކުރެއެވެ. މުޒާހަރާތައް ރޫޅާލުމަށް ހޮންކޮންގެ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ހޮންކޮންގް ސަރުކާރުން އާއްމެއް ނުކުރެއެވެ.