މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ އަރަބި ޤައުމެއް ކަމަށްވާ ލުބުނާނުގައި އެޤައުމުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅުގައި، އެޤައުމުގެ ކެބިނެޓުގެ 4 މިނިސްޓަރަކު އިސްތިއުފާ ދީފިއެވެ.

ލުބުނާން ސަރުކާރުން އެޤައުމުގެ ޓެކްސް މަތިކުރަން ނިންމުމާ ގުޅިގެންނާއި، ސަރުކާރު ތެރޭގައި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ބުނެ، އެތައް ހާސް ބަޔަކު އެޤައުމުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާތާ މިހާރު 3 ދުވަސްވެއްޖެއެވެ. ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ނަސާރާ ޕާޓީއަކުން މިހާރު ސަރުކާރާ ވަކިވާން ނިންމައިފިއެވެ.

'ލެބަނީސް ފޯސެސް ޕާޓީ' އަށް ނިސްބަތްވާ ވަޒީރުން ސަރުކާރުން ވަކިވާން ނިންމިއިރު، އެ ޕާޓީއަކީ އޭނާ ވެރިކަމާ ހަވާލުވީއްސުރެ، ލުބުނާނުގެ ބޮޑުވަޒީރު، ސާދު ހަރީރީއަށް ވާގިވެރިވެދިން ޕާޓީއެކެވެ. "އަހަރެމެންނަށް ނުފެނޭ ސަރުކާރުން މި ހާލަތު ބަދަލްކުރަން އެކަށޭނެ އެއްވެސް ކަމެއް ކުރަމުންދާ ތަނެއް." އެޕާޓީގެ ވެރިޔާ ސަމީރު ގައެގާ ބުންޏެވެ.

އިއްޔެގެ މުޒާހަރާތަކުގެ ތެރެއިން މެދުތެރޭ ބެއިރޫތުގައި ކުރި މުޒާހަރާތައް ވަރަށް ބޮޑު ހަމަނުޖެހުން ބޮޑުވެގެން ދިޔައެވެ. ގިނަ އަދަދެއްގެ ބަޔަކު ލުބުނާނުގެ ދިދަ ހިފައިގެން ތިބެ، ބަދަލެއް ބޭނުންވާ ކަމަށް ގޮވަމުން ދިޔަ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ހަމަނުޖެހުންތަކުގެ ތެރެއިން އެހިސާބުގެ ބައެއް ތަންތަނާއި، އެއްޗެހި ރޯކުރުމުގެ އިތުރުން، ޢިމާރާތްތަކުގެ ބިއްލޫރި ގަނޑު ތަޅާލައި، މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންނާވެސް ކުރިމަތިލާފައި ވެއެވެ.

ވެރިރަށް ބެއިރޫތުގެ އިތުރުންވެސް އެޤައުމުގެ ގިނަ ހިސާބުތަކެއްގައި މުޒާހަރާތައް ކުރަމުންދާއިރު، ގިނަ ބަޔަކު ގޮވާލަމުންދަނީ އެޤައުމު ވެއްޓިފައިވާ އިޤްތިސާދީ އަނދަވަޅުން އަރައިގަތުމަށް މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. ލުބުނާނުގައި ބައިނަލްއަޤްވާމީ މުވާސަލާތީ ޙިދުމަތެއް ކަމަށްވާ 'ވަޓްސްއަޕް' ކޯލުގެ ޙިދުމަތް ބޭނުންކުރަންވެސް ފީ އެއް ނަގަން އުޅޭތީ ވަނީ ނުރުހުން ބޮޑުވެފައެވެ.

ސާދު ޙަރީރީ އަކީ މިހާރު އެޤައުމުގައި ހުރި ސުންނީ މުސްލިމުންގެ ތެރެއިން އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެވެ. އޭނާގެ ސަރުކާރު ދިފާޢުކުރައްވާނެ ކަމަށް ލުބުނާނުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ ވިދާޅުވެފައެވެ. ސާދު ހަރީރީ އަކީ އަވަހާރަކޮށްލާފައިވާ ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު، ރަފީކް ހަރީރީގެ ދެވަނަ ދަރިކަލުންނެވެ.