މިއީ ލުބްނާނުގެ އަވަށަކަށް ދިމާވި ހިތާމަވެރި ހާދިސާއެކެވެ. އުމުރުން ހަތް އަހަރުގެ މި ފިރިހެން ކުއްޖާ މަރުވީ އޭނާގެ ގެ ކައިރީގައި ބަޔަކު މާސްކް އަޅައިގެން ޓިކްޓޮކް ވީޑިއޯއެއް ނަގަމުން ދަނިކޮށެވެ. އެ މަންޒަރު ފެނިގެން އޭނާ ބިރުގަތީ ކަމަށް ވެދާނެެވެ. އޭނާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

އެ ކުއްޖާއަށް ފެނުނު މަންޒަރަކީ މާސްކު އަޅައިގެންނާއި، ހަތިޔާރު އަޅައިގެން ތިބެ އެ މީހުން ޓިކްޓޮކް ކުޅެމުންދާ މަންޒަރު ފެނިގެންނެވެ. ކުއްޖާގެ ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔައީ، އެ މީހުން މާރާމާރީ ހިންގަނީ ކަމުގައި ބަލައިގެން ކަމަށް ވެދާނެއެވެ.

މުހައްމަދު އިސްތަންބޫލީ ނަމަކަށް ކިޔާ އެ ކުއްޖާ ހޭނެތިފައި އޮއްވާ ފެނުނީ އެ ހާދިސާ ހިނގި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެ ކުއްޖާގެ ބައްޕަ ވަނީ އެ ވީޑިއޯ ހެދުމުގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް ރަސްމީކޮށް މައްސަލައެއް ހުށަހަޅައިފައެވެ.

ޑޮކްޓަރަކު ބުނި ގޮތުގައި މުހައްމަދުގެ ނޭފަތަށް ކުޑަކުޑަ އަނިޔާއެއް ލިބުން ފިޔަވާ، ޖިސްމާނީ ގޮތުން ގެއްލުމެއް ލިބިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. އެ ކުއްޖާ މަރުވީ ކާޑިއެކް އެރެސްޓެއް ޖެހިގެން ކަމަށް ބުނެފައި ވެއެވެ.

މި ކުއްޖާ މަރުވުމާއި ގުޅިގެން އެތައް ބަޔަކު ހިތާމަ ފާޅު ކުރަމުންދާއިރު، މިދިޔަ ހޮނިހިރު ދުވަހު އެ އަވަށުގައި ބޭއްވި ޖަނާޒާއެއްގައި އެތައް ސަތޭކަ ބަޔަކު އެއްވިއެވެ. އަދި އެ ކުއްލި މަރުގެ ހިތާމައިގައި ހިތާމަ ފާޅުކޮށްފައިވާ ކަަމަށް ބުނެފައި ވެއެވެ.