ރޭޕް ކޭސްތައް ގިނަ ޕާކިސްތާނުގައި އަނެއްކާވެސް ކުޑަ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލައެއް ފެންމަތިވެ، އެ ކުއްޖާގެ އާއިލާއިން ދަނީ އިންސާފް ލިބޭތޯ އަޑު އިފުލަމުންނެެވެ. އެ އިންސާފު ލިބޭނެ ބާއެއެވެ.

އުމުރުން އަށް އަހަރުގެ އެ ކުއްޖާއަކީ ގްރޭޑް ދޭއްގައި ތައުލީމް ހާސިލް ކުރަމުންދާ ކުއްޖެކެެވެ. މިދިޔަ އާދީއްތަ ދުވަހުގެ އިރުއޮއްސުނު އިރު މެޓާ ގަންނަން ބޭރަށް ދިޔަ އެ ކުއްޖާ ދެން ފެނުނީ އަންދާލާފައި މަގުމައްޗަށް އެއްލާލާފައި އޮއްވައެވެ.

އެ ދުވަހު އިރުއޮއްސުނު ގަޑީ ގެއްލުނުގޮތަށް އެ ކުއްޖާ ނުފެނުމުން އާއިލާއާ އަވައްޓެރިން އޭނާ ހޯދުމުގެ މަސައްކަތް އެރޭވެސް ކުރިއެވެ. އެ ކުއްޖާ ފެނުނުއިރު، އޮތީ ވަރަށް ހާލު ދެރަކޮށެވެ.

ވަގުތުން އެ ކުއްޖާ ޓެހްސިލް ހެޑްކުއާޓް ހޮސްޕިޓަލަށް ގެންދެވުނެވެ. ފަހުން ވަނީ ލާހޫރްގެ ޖިނާހް ހޮސްޕިޓަލަށް އެ ކުއްޖާ ބަދަލުކޮށްފައެވެ. އެއީ އެ ކުއްޖާއަށް ލިބިފައި ހުރި އަނިޔާތައް ސީރިއަސްކަމުންނެވެ. ޑޮކްޓަރުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، އެ ކުއްޖާގެ ހަށިގަނޑު 80 އިންސައްތަ އޮތީ އަނދާފައެވެ.

ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާ މި ދުުނިޔެއާ ވަކިވެގެންދިޔައިރު، އެ ކުއްޖާ ވަނީ ރޭޕްކޮށްފައިކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެކުއްޖާގެ ފޮރެންސިކް ރިޕޯޓްތައް ނެގުމަށްފަހު، ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާއިރު، އެ ކުއްޖާ ރޭޕްކުރިކަން ޔަގީންވާނީ ޕޯސްޓްމޯޓަމް ނަތީޖާ ލިބުމުންކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

އެ މައްސަލައިގެ ތުހުމަތުގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އާއިލާއާ އަވައްޓެރިން ދަނީ އެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.