ކެންޔާގައި ދަތުރުކޮށްފައި ދިޔަ ފްލައިޓެއްގެ ފުރޮޅު ނެއްޓިއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި މި ފްލައިޓަކީ ކެންޔާގެ ފްލައިންގް ސްކޫލެއްގައި ތަމްރީނު ހެދުމަށް ބޭނުންކުރަމުން ދިޔަ ސެސްނާ 152 ފްލައިޓެކެވެ. މި ހާދިސާ ހިނގި ވަގުތު އެ ފްލައިޓުގައި އިނީ ފްލައިޓް ދުއްވުމުގެ ތަމްރީނު ހަދަމުން ދިޔަ ޓްރެއިނީ ޕައިލެޓެކެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާ އާއި ގުޅިގެން ފްލައިޓްގައި ހުރި ތެޔޮ ހުސް ކުރުމަށް އިތުރު ދެގަޑިއިރު ވަންދެން އެ ސަރަޙައްދުގެ މަތިން ފްލައިޓު ދަތުރުކުރަން ޖެހުނެވެ. އެއީ ފޮރުޅު ނެތި ފްލައިޓު ޖައްސަން އުޅުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފްލައިޓް ގޮވާފާނެ ކަމަށްޓަކައި ކަމަށް އޮފިޝަލުން ބުނެއެވެ.

މި ފްލައިޓުގެ ފުރޮޅު ނެއްޓިފައިވާ ކަން އެނގުނީ، ތަމްރީނުތައް ކުރިޔަށްދިޔަ ވަގުތު މެލިންޑީ އިންޓަނޭޝަނަލް އެއާޕޯޓްގެ ކޮންޓްރޯލް ޓަވަރުގައި ތިބި ފަރާތްތަކަށެވެ. އެއާއެކު އެކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އިމަޖެންސީގައި ޖެއްސުމުގެ ތައްޔާރީތައް ވަނީ ވެފައެވެ.

މިހާދިސާގައި ފްލައިޓުގައި އިން ޓްރެއިނީ ޕައިލެޓަށް އަނިޔާއެއް ނުވީނަމަވެސް ފްލައިޓަށާއި އެއާޕޯޓުގެ ރަންވޭއަށް ގެއްލުން ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އިދާރާތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.