އިނގިރޭސިވިލާތުގެ މީހުންނަށް ލިޔަން، ކިޔަން ނޭނގޭ ކަމަށް އެޤައުމުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަންގެ ބައްޕަ، ސްޓޭންލީ ޖޯންސަން ބުނެފިއެވެ.

ސްޓޭންލީ ޖޯންސަން މިގޮތަށް ބުނެފައިވަނީ އިނގިރޭސި ޓީވީ ޝޯއެއްގެ ތެރެއިން އޭނާގެ ދަރިފުޅާ ދިމާލަށް 'ޕިނޯކިއޯ' އަށް ނިސްބަތްކޮށް ވާހަކަ ދެއްކުމުން، އެކަމާ ގުޅިގެންނެވެ. އިނގިރޭސި ޓީވީ ޗެނަލް، ބީބީސީ އިން ގެނެސްދޭ ވިކްޓޯރިއާ ލައިވް ޓީވީ ޝޯގެ ތެރެއިން އެ ޝޯ ހުށަހަޅައިދޭ، ވިކްޓޯރިއާ ވަނީ ޝޯ ބެލުންތެރިއެއް ފާޅުކުރި ޙިޔާލެއް ކަމަށް ބުނެ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރަކީ ޕިނޯކިއޯ އޭ ބުނެފައިވާ ކޮމެންޓެއް ކިޔާފައެވެ.

"ތިހެން ބުނެވޭނީ ރަނގަޅަށް ލިޔަން ކިޔަން އެނގޭ ބަޔަކަށް. އަހަރެން ޤަބޫލެއް ނުކުރަން އިނގިރޭސިންނަކީ އެ ފެންވަރު ހުރި ބައެއް ކަމަކަށް. އެމީހުންނަކަށް ޕިނޯކިއޯގެ ސްޕެލިންގް ވެސް ރަނގަޅަކަށް ނޭނގޭނެ ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް،" ސްޓޭންލީ ބުންޏެވެ. ޝޯގެ ހުށަހަޅައިދޭ ވިކްޓޯރިއާ ވަނީ އެހެން އިނގިރޭސި ރައްޔިތުންނާ ދިމާލަށް ސްޓޭންލީ ބުނީ ކީއްވެތޯ އަހާފައެވެ. ސްޓޭންލީ އޭގެ ރައްދެއްގެ ގޮތުން ވިކްޓޯރިއާ ކައިރިންވެސް ޕިނޯކިއޯގެ ސްޕެލިންގް އެނގޭތޯ ސުވާލުކުރިއެވެ.

ސްޓޭންލީ ފަހުން އެ ޝޯ ތެރޭގައި އޭނާ އިނގިރޭސި ރައްޔިތުންނަށް ނިސްބަތްކޮށް އެހެން ބުނި ސަބަބާ ބެހޭގޮތުން ބުނީ ލައިވް ޓީވީ ޝޯއެއްގެ ތެރެއިން މީހެއްގެ ޙިޔާލެއް ކަމަށް ބުނެ، އިނގިރޭސި ބޮޑު ވަޒީރާއި، ޕިނޯކިއޯ އާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ އެއީ ހިތާމަކުރަން ޖެހޭ، ބޮޑު މައްސަލައެއް ކަމަށެވެ. ސްޓޭންލީ ބުނީ އޭނާ ޙައިރާންވެއްޖެ ކަމަށެވެ.

އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުން، ބްރެކްސިޓްގެ ކަންތަކުގެ ތެރޭގައި ބޮރިސް ޖޯންސަން އަށް އެޤައުމުގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ނުހަނު ބޮޑެވެ. ނަމަވެސް، އޭނާ ދަނީ އިނގިރޭސި ގިނަ ބަޔަކު މިހާރު އެކަމަކާ ދެކޮޅު ހަދަމުންދާ ބްރެކްސިޓް ހަގީގަތަކަށް ހެދުމުގެ ފަހު މަރުޙަލާގައެވެ.