ލުބުނާންގެ ބޮޑުވަޒީރަކަށް އަނެއްކާވެސް ކުރީގެ ބޮޑުވަޒީރު ސާދް ހަރީރީ ވަޑައިގެންފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ހަރީރީ އަނެއްކާވެސް ލުބުނާންގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުން ގާތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށާފައި ވަނީ ބޮޑުވަޒީރު ކަމަށް ގެންނަން ގިނަ ފަރާތްތަކުން ތާއިދުކުރި ލުބުނާންގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ސާމިރު ޚާތިބު ބޮޑުވަޒީރުގެ މަގާމު ގަބޫލު ނުކުރެއްވުމުންނެވެ.

ހަރީރީ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވީ ލުބުނާންގެ އިޤުތިޞާދު ދަށްވެ، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ، ގައުމުގެ ހާލަތު ނާޒުކު ފައްތަރަކަށް ގޮސްފައި ވާތީ ގިނަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފެށުމުން އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު އެވެ. ލުބުނާންގައި 1975 ވަނަ އަހަރުން 1990 ވަނަ އަހަރާއި ދެމެދު ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައަށް ފަހު އެގައުމުގެ އިޤުތިޞާދު އަދި މިހައި ބޮޑަށް ދަށް ވެފައެއް ނުވެއެވެ.

ލުބުނާންގެ ދައުލަތުގެ ބާރުތައް ހިއްސާ ކުރުމުގެ ސިސްޓަމް ބުނާ ގޮތުން އެގައުމުގެ ބޮޑުވަޒީރު ކަން ކުރައްވަން ޖެހޭނީ ސުންނީ މުސްލިމެކެވެ. އެހެންކަމުން ހަރީރ ފިޔަވައި އެހެން ބޭފުޅަކު ދެންވެސް ބޮޑުވަޒީރު ކަމަށް އައުމުގެ ފުރުސަތު ކުޑަކަމަށް ނޫސްވެރިން ލަފާކުރެއެވެ.

ހަރީރީ ބޮޑުވަޒީރު ކަމަށް އަނެއްކާވެސް ވަޑައިގެންފާނެ ކަމުގެ އަޑުތައް ފެތުރުމާއި އެކު މުޒާހަރާތައް ވަނީ އިތުރަށް ވަރުގަދަ ވެފައެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހަރީރީ ބޮޑުވަޒީރު ކަމަށް ގެންނަން އެއްބަހެއް ނުވެވޭނެއެވެ. ގައުމަށް މިއަދު ދިމާވެފައި މިއޮތް ހާލަތު ދިމާވުމުގައި އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭނީ ހަރީރީ ކަމަށް މުޒާހަރާ ކުރާ ފަރާތްތަކުން ބުނެއެވެ.

ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް ވެސް ރޭ ގިނަ ބަޔަކު ވަނީ ހަރީރީގެ އޮފީހުގެ ބޭރުގައި ރޭ އޭނާ އާއި ދެކޮޅަށް އަޑުއުފުލާފައެވެ.