ތުރުކީ ސިފައިން ލީބިޔާ އާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އެގައުމުގެ ސިފައިން ލީބިޔާއަށް ދަނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ހުއްދަ ދިނުމުންނެވެ.

ތުރުކީ ސިފައިން ލީބިޔާއަށް ދަނީ އެ ގައުމުގެ އެކުލަވާލާފައިވާ ސަރުކާރު ތަކުގެ ތެރެއިން އދ.އިން ބަލައިގަންނަ ސަރުކާރަށް ހިމާޔަތްދީ ސުލްހަ ބެލެހެއްޓުމަށެވެ.

އުރުދުޣާން ވިދާޅުވީ މިހާރު މަޑުމަޑުން ތުރުކީ ސިފައިން ލީބިޔާ އާ ދިމާލަށް ކުރިއަށް ޖެހެން ފަށާފައިވާ ކަމަށެވެ.

އަދި ލީބިޔާއަށް އަރާ ކޮމާންޑް ސެންޓަރު ގާއިމް ކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

"އަހަރެމެންގެ ބޭނުމަކީ ހަނގުރާމަ ކުރުމެއް ނޫން. އަހަރެމެން މަސައްކަތް ކުރާނީ ހަމަޖެހުން ގާއިމް ކުރުމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް." އުރުދުޣާން ވިދާޅުވިއެވެ.

ލީބިޔާގައި އޮތް އދ.އިން ބަލައިގަންނަ ސަރުކާރަށް ހިމާޔަތް ދިނުމަށް ތުރުކީ މަސައްކަތް ފަށާފައި ވާއިރު ޖެނެރަލް ހަފްތާރު ކިޔާ ބޭފުޅަކު ވެސް ލީބިޔާގެ ސަރަހައްދެއްގައި ވެރިކަން އެބަކުރެއެވެ. އޭނާގެ ސަރުކާރަށް މިސްރާއި ޔޫއޭއީ އިން ތާއިދު ކުރެއެވެ. އދ.އިން ބަލައިގަންނަ ސަރުކާރަށް ތާއިދު ކުރަނީ ތުރުކީގެ އިތުރުން ޤަތަރުންނެވެ.

އިސްރާއީލް، ގްރީސް އަދި ސައިޕްރަސް އިން ވަނީ ތުރުކީ ސިފައިން ލީބިޔާ އަށް އެރުމާއި ދެކޮޅުކަން ހާމަކޮށްފައެވެ. އެގައުމުތަކުން ބުނެފައި ވަނީ ތުރުކީގެ ނިންމުމަކީ ސަރަހައްދީ ހަމަޖެހުން އިތުރަށް ގެއްލި، އިތުރު މައްސަލަތަކެއް އުފެދޭނެ ކަމެކެވެ.

ތުރުކީ ސިފައިން ލީބިޔާ އަށް އަރަން ނިންމި ނިންމުމާއި ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް މިއަދު ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

ލީބިޔާގެ ކުރީގެ ރައީސް ޣައްޒާފީގެ ވެރިކަން ވައްޓާލި ފަހުން ލީބިޔާ އަށް ހަމަޖެހުން ލިބިފައެއް ނުވެއެވެ. އޭގެ ފަހުން އެގައުމުގެ އެކި ސަރަހައްދުތަކުގައި ވެރިކަން ކުރަމުން ގެންދަނީ އެކި ސަރުކާރުތަކުންނެވެ.