އިންޑިއާގައި މީގެ ހަތް އަހަރު ކުރިން ރޭޕްކޮށް މަރާލި ޑޮކްޓަރަކަށް ވުމަށް ހުވަފެން ދެކުމުން އައި ނިރްބަޔާގެ މަރުގެ މައްސަލާގައި ހަތަރު މީހަކު މަރަން މިއަދު ހުކުމްކޮށްފިއެވެ.

އެ މީހުން ދަންޖައްސާ މަރަން ހުކުމްކޮށް، މިހާރު ތާރީހާއި ވަގުތުވެސް ވަނީ ހާމަކޮށްފައެވެ. އެ މީހުން މަރަން ނިންމާފައި ވާ ތާރީހަކީ ޖެނުއަރީ 22 ވަނަ ދުވަހުގެ ހެނދުނު 7:00 ގައެވެ.

އެ މީހުން ދަން ޖައްސާ މަރާނީ ޓިހާރް ޖަލުގައެވެ. އެކަމަށް މިހާރު އޮފިޝަލުން ދަނީ ތައްޔާރުވުމަށެވެ.

އެ މައްސަލާގައި މަރަން ހުކުމްކޮށްފައި ވަނީ، އުމުރުން 32 އަހަރުގެ މުކޭޝް ސިންގ އާއި، 25 އަހަރުގެ ޕަވަން ގުޕްތާ އާއި 26 އަހަރުގެ ވިނޭ ޝަރްމާގެ އިތުރުން، 31 އަހަރުގެ އަކްޝޭ ކުމާރް ސިންގއެވެ. މި އެންމެންނަކީ ނިރްބަޔާ ގޭންގ ރޭޕްކޮށް މަރާލި މީހުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމީހުން މަރަން ހުކުމް ކުރުމުން، ޖަލު ފަޅާލައިގެން ނުކުންނަންވެސް މަސައްކަތްކޮށްފައި ވެއެވެ.

ނިރްބަޔާ މަރުވިއިރު، އުމުރަކީ 23 އަހަރެވެ. އޭނާ ގޭގް ރޭޕްކޮށްފައި ވަނީ ބަހެއްގެ ތެރޭގައެވެ. އެ ބަސް ތެރޭގައި ރޭޕްކޮށް، އޭނާއަށް ވަރަށް އަނިޔާކޮށްފައި ވެއެވެ. އަދި އޭނާ ބަރަހަނާ ހޭލުގައި މަގުމައްޗަށް އެއްްލާލީ އެ މީހުންނެވެ. އެއިރު އޭނާގެ ގައިން ލޭވެސް ފައިބަމަުން ދިޔައެވެ.

ނިރްބަޔާ ރޭޕްކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ އެ ދުވަހަށް ބަހަށް އެރީ ރަހުމަތްތެރިއަކާއެކު ފިލްމެއް ބަލަން ގޮސް، އެނބުރި ގެއަށް ދިއުމަށެވެ.

އެ ޒުވާނާ ރޭޕްކޮށް މަރާލި މައްސަލާގައި މުޅި އިންޑިއާގައި މުޒާހަރާވެސް ކުރިއެވެ. ނިރްބަޔާއަށް އިންސާފު ހޯދުމަށް ގިނަބަޔަކު މަސައްކަތް ކުރެއެވެ. ހަތް އަހަރު ފަހުން ނިރްބަޔާގެ މަރަށް އިންސާފު ލިބޭއިރު، އޭނާގެ މައިންބަފައިން އެކަމާއި ތިބީ ހިތްހަަމަޖެހިފައެވެ.