ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފަށް މަރުގެ ޙުކުމް އިއްވި ކޯޓަކީ ގާނޫނާއި ޙިލާފް ކޯޓެއް ކަމަށް އެ ގައުމުގެ ލާހޯރުގެ ހައިކޯޓުން ކަނޑައަޅައިފިއެވެ

ލާހޯރުގެ ހައި ކޯޓުން އިއްވި ޙުކުމްގައި ބުނެފައި ވަނީ މުޝައްރަފްގެ މައްސަލަ ތަހުގީގު ކުރަން އުފެއްދި ޙާއްސަ ކޯޓު އެކުލަވާލާފައި ވަނީ ގާނޫނު އަސާސީ އާއި ޙިލާފަށް ކަމަށެވެ

މިއާއިއެކު މުޝައްރަފުގެ މައްޗައް އިއްވި މަރުގެ ޙުކުމްވެސް ވަނީ ބާތިލުވެފައެވެ

މުޝައްރަފުގެ މައްސަލަ ބެލި ޙާއްސަ ކޯޓުން އޭނާ މަރަން ޙުކުމް އިއްވީ ގައުމަށް ގައްދާރުވިކަން ސާބިތުވި ކަމަށް ބުނެއެވެ

އޭރު ކޯޓުން އިއްވި ޙުކުމްގައި ބުނެފައި ވަނީ މަރުގެ ޙުކުމް ތަންފީޒު ނުވަނީސް މުޝައްރަފް އަވަހާރަ ވެއްޖެނަމަ އޭނާގެ ހަށިގަނޑު އިސްލާމްއާބާދަށް ގެނެސް ހުސް މައިދާނެއްގައި 3 ދުވަސް ވަންދެން ދަން ޖައްސަން ޖެހޭނެ ކަމަށެވެ.

މުޝައްރަފްގެ މައްޗައް އިއްވި ޙުކުމް ބާތިލް ކަމަށް ނިންމާފައި މިވަނީ އޭނާ އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުންނެވެ. މިވަގުތު މުޝައްރަފް ހުންނެވީ ސިއްހީ އާލާސްކަން ފުޅު ބޮޑުވެގެން އަބޫދާބީގެ ހޮސްޕިޓަލެއްގައި އެޑްމިޓުވެގެން ފަރުވާ ހޯއްދަވަން ކަމަށް ޕާކިސްތާނުގެ ރިޕޯޓުތައް ބުނެއެވެ.

މައްސަލަ ބެއްލެވި ޣާޒީ ވިދާޅުވެފައި ވަނީ މުޝައްރަފް މަރަން ޙުކުމް ކުރި ކޯޓު އެކުލަވާލާފައި ވަނީ ކެބިނެޓުގެ ރުހުމެއްވެސް ނުހޯދައި ކަމަށާއި އެ ކޯޓު އުފެދުމުގައި ގާނޫނާއި ޙިލާފް އެތައް ކަމެއް ހުރިކަން ފާޙަގަ ކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާ ބޯއީ

    އަދި ރައީސް ޔާމީނަށް ހުކުންކުރީވެސް ގާނޫނާ އިދިކޮޅަށްކަން ކަންޑައެޅޭނެ ދުވަހެއް އަންނާނެ ވަރަށް އަވަހަށް.

    13
    1