މިއަދު އަވަހަރަވި ޕާކިސްތާންގެ ކުރީގެ ރައީސް ޕަރުވޭޒް މުޝައްރަފް އަކީ ވަރުގަދަ ލީޑަރެކެވެ. އޭނާ ވަނީ ބާރުގަދަ ޕާކިސްތާންގެ އަސްކަރިއްޔާ ހައްމަތަކޮށްގެން ވަރުގަދަ ވެރިކަމެއް ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ކޮށްފައެވެ.

އުމުރުން 18 އަހަރުގައި ޕާކިސްތާންގެ އަސްކަރިއްޔާ އާއި މުޝައްރަފް ގުޅިވަޑައިގަތީ 1961 ވަނަ އަހަރު އެވެ. 1964 ވަނަ އަހަރު އަސްކަރީ ކޮލެޖަކުން ގްރެޖްއޭޓްވެ ވަޑައިގެން މުޝައްރަފް އައީ އަސްކަރިއްޔާގައި ޕްރޮމޯޝަނަކަށް ފަހު ޕްރޮމޯޝަނެއް ހޯއްދަވަމުންނެވެ. 1965 ވަނަ އަހަރުން ފެށިގެން 1971 ވަނަ އަހަރާއި ހަމައަށް ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު ހިނގި ކަޝްމީރު ހަނގުރާމައިގައި މުޝައްރަފް މުހިއްމު ދައުރެއް އަދާކުރިއެވެ.

1974 ވަނަ އަހަރު މުޝައްރަފް ލެފްޓިނަންޓް ކާނަލެއްގެ މަގާމަށް ޕްރޮމޯޓްވިއެވެ. އަދި 1978 ވަނަ އަހަރު ކާނަލެއްގެ މަގާމަށް ޕްރޮމޯޓް ވިއެވެ. 1993 ވަނަ އަހަރު ލިބުނު ދެތަރީގެ ޕްރޮމޯޝަނާއިއެކު އޭނާ މޭޖާ ޖެނެރަލް އަކަށްވިއެވެ.

ބޭނަޒީރު ބުއްޓޫ 1988 އިން 1990 އަށް އަދި 1993 އިން 1995 އަށް ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރިއިރު މުޝައްރަފް އަކީ ބޭނަޒީރު ބުއްޓޫ އެންމެ އިތުބާރުކުރި އަސްކަރީ ޖެނެރަލުންގެ ތެރެއިން އެއްބޭފުޅެކެވެ. ބުއްޓޫގެ އެދެމަކަށް މުޝައްރަފް ވަނީ އިސްރާއީލްގެ ޖާސޫސީ އިދާރާ ކަމަށްވާ މޮސާޑް އާއި ބައްދަލުކޮށްފައެވެ. އޭގެފަހުން މޮސާޑާ ޕާކިސްތާންގެ ގުޅުން އަސްކަރީ ގޮތުން ބަދަހިވިއެވެ. ބުއްޓޫގެ ވެރިކަން ވެއްޓުމުގެ ކުރިން މުޝައްރަފަށް އިތުރު ޕްރޮމޯޝަނެއްދީ ލެފްޓިނަންޓް ޖެނެރަލް އަކަށް އޭނާ ހެދިއެވެ. އެއަށްފަހު އައިކޯޕްސް ނަމަކަށް ކިޔާ ލަޝްކަރުގެ އެންމެ އިސްވެރިޔާގެ މަގާމު އޭނާ އަށް ދިނެވެ.

ބޮޑުވަޒީރު ކަމަށް ނަވާޒް ޝަރީފް ވަޑައިގެންނެވިއިރު ޕާކިސްތާން އަސްކަރިއްޔާގެ އިސްވެރިންގެ ގޮތުގައި ތިބި ބޭފުޅުން އެއީ ބޮޑުވަޒީރަށް ކަމުދާ ބަޔަކަށް ނުވިއެވެ. އެހެންވެ އޭރު ސިފައިންގެ ވެރިޔަކަށް ހުރި ޖެނެރަލް ކަރަމަތު މަގާމުން ދުރުކުރިއެވެ. އޭގެފަހުން އެމަގާމަށް އައްޔަން ކުރަން ނަވާޒް ޝަރީފް ބޭނުންވި ދެބޭފުޅުންނަކީ ވެސް އަސްކަރިއްޔާގައި މަގުބޫލު އަދި އާއްމުން ވެސް ބަލައިގަންނަ ބަޔަކަށް ނުވާތީ އެހެން ޖެނެރަލެއް ހޯދަން ނަވާޒް ޝަރީފަށް މަޖުބޫރުވިއެވެ. އޭރު ނަވާޒް ޝަރީފް އަރިހުގައި ތިއްބެވި ނިޒާރު އަލީ ހާން އާއި ނަވާޒް ޝަރީފްގެ ކޮއްކޮ، މިހާރު ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ލަފާދެއްވީ މުޝައްރަފް އަށް ސިފައިންގެ އިސްވެރިޔާގެ މަގާމު ދޭށެވެ. އެމަޝްވަރާ ގަބޫލުކޮށް ހަތަރު ތަރީގެ ޖެނެރަލަކަށް މުޝައްރަފް ޕްރޮމޯޓްކޮށް ނަވާޒް ޝަރީފް އޭނާ އަށް ސިފައިންގެ އިސްވެރިޔާގެ މަގާމު ދިނެވެ.

ކާގިލްގައި 1999 ވަނަ އަހަރު އިންޑިއާ ސިފައިންނާއި ދެމެދު ކުރިއަށް ދިޔަ ކުރިމަތިލުންތަކުގައި ޕާކިސްތާން ސިފައިން ފަހަތައް ޖެހެން ނަވާޒް ޝަރީފް ނިންމި ހިސާބުން މުޝައްރަފް އާއި ހިޔާލު ތަފާތުވުންތައް އުފެދުނެވެ. އަދި ސިފައިން ބަޣާވާތެއް ކޮށްފާނެ ކަމަށް އެތައް ތަޖުރިބާކާރުންނެއް ލަފާކުރަން ފެށިއެވެ. ކަންތައް ވެގެން ދިޔައީ ވެސް އެހެންނެވެ.

ބަޣާވާތެއްގެ ވަސް ދުވަމުން ދަނިކޮށް 1999 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު މުޝައްރަފް ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތެވެ. އެނބުރި ޕާކިސްތާނަށް ވަޑައިގެން ކަރާޗީ އެއާޕޯޓްގައި ފްލައިޓް ޖައްސަން އުޅެނިކޮށް ބޮޑުވަޒީރުގެ އޮފީހުން އެނގީ ފްލައިޓް ޖެއްސުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. އަދި އޭރު މުޝައްރަފް ސިފައިންގެ ވެރިޔާގެ މަގާމުން ދުރުކޮށް ކަވާޖީ އައްބާސީ ސިފައިންގެ ވެރިޔާގެ މަގާމަށް އިސްކޮށްފައިވާކަން ވެސް އެންގިއެވެ.

ނަމަވެސް ސިފައިންގެ ނިކުމެ ކަރާޗީ އެއާޕޯޓްގައި ސަރުކާރުގެ އަމުރާއި ދެކޮޅު ހަދައި މުޝައްރަފްގެ ފްލައިޓް ޖެއްސުވިއެވެ. އަދި ނަވާޒް ޝަރީފް ގޭގައި ބަންދުކުރިއެވެ. އެއަށްފަހު މުޝައްރަފް ވަނީ އަސްކަރީ އޮފިސަރުންނާއި މަދަނީ ބައެއް ބޭފުޅުން ހިމެނޭ ކޮމެޓީއަކުން ޕާކިސްތާންގެ ވެރިކަމާއި ހަވާލުވިކަން އިއުލާން ކޮށްފައެވެ.

އަސްކަރީ ބަޣާވާތާއި ގުޅިގެން ޕާކިސްތާންގައި އެއްވެސް މުޒާހަރާއެއް ކުރިއަކަށް ނުގެންދެއެވެ. ނަމަވެސް ބައިނަލްއަޤުވާމީ ޕްރެޝަރު ވަރަށް ބޮޑުވެ، ކޮމަންވެތުލުން ވެސް ޕާކިސްތާން ސަސްޕެންޑް ކުރިއެވެ.

މުޝައްރަފް ވެރިކަމާއި ހަވާލުވިކަން އިއުލާން ކުރީ އޮކްޓޯބަރ 17، 1999 ގައެވެ. އެއަށްފަހު ފުރަތަމަ ދަތުރުފުޅުގައި އޭނާ އެމަހުގެ 26 ވަނަ ދުވަހު ސައުދީ އަރަބިއްޔާ އަށް ފުރައިވަޑައިގަތެވެ.

2002 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރުމަށްފަހު އާއްމު އިންތިހާބެއް މުޝައްރަފް ބޭއްވިއެވެ. ނަމަވެސް ވެރިކަމުގެ ހުރިހާ ބާރުތަކެއް ކޮންޓްރޯލް ކޮށްގެން ހުރީ އޭނާ އެވެ.

2007 ވަނަ އަހަރު ނެގި ވޯޓްގައި %64 ރައްޔިތުން ވަނީ މުޝައްރަފަށް އިތުރު ދައުރަކު ވެރިކަން ކުރުމުގެ ފުރުސަތު ނުދޭނެކަމަށް ބުނެފައެވެ. ނަމަވެސް ވެރިކަން ދަމަހައްޓަން މުޝައްރަފް އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ވެސް ކުރިއެވެ. އަސްކަރިއްޔާ އިން އިސްތިއުފާދީ މުޝައްރަފް 2008 ވަނަ އަހަރު އާއްމު އިންތިހާބަށް ކުރިމަތިލިއެވެ. އަދި ކޯލިޝަން ސަރުކާރެއް ވެސް އެކުލަވާލިއެވެ. ނަމަވެސް ޕްރެޝަރު ބޮޑުވެ އިތުރުބާރުނެތް ކަމަށް މަޖިލީހުން ފާސްކޮށްފާނެ ކަމަށް ލަފާކުރެވިގެން މުޝައްރަފް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދިނީ 2008 އޮގަސްޓް 18 ވަނަ ދުވަހު އެވެ.

އޭގެ ފަހުން އެނބުރި ސިޔާސީ މައިދާނަށް ވަޑައިގަތުމަށް 2010 ވަނަ އަހަރު އަނެއްކާވެސް ސިޔާސީ ޕާޓީއެއް ހަދައިގެން މަސައްކަތް ކުރިއެވެ. އަރުވާލެވިގެން ގައުމުން ބޭރުގައި ހުންނަވާތާ ހަތަރު އަހަރު ފަހުން 2013 ވަނަ އަހަރުގެ މާޗް މަހު މުޝައްރަފް ގައުމަށް އެނބުރި ވަޑައިގަތެވެ. ނަމަވެސް ޕާކިސްތާނަށް އައުމާއިއެކު 2007 ވަނަ އަހަރުގެ މައްސަލަތައް ފެންމަތިކޮށް އޭނާ ގޭބަންދު ކުރިއެވެ. އޭނާ ފުރުން މަނާކޮށް ނެރެފައި އޮތް ކޯޓު އަމުރު ބާތިލް ކުރުމުން 2016 ވަނަ އަހަރު ދުބާއީއަށް ވަޑައިގެންނެވި ފަހުން އެނބުރި ގައުމަށް ވަޑައެއް ނުގަނެވެ. އެނބުރި ގައުމަށް ވަޑައިނުގެންނެވި ނަމަވެސް މުޝައްރަފްގެ މައްސަލަ ބަލައި ކޯޓުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. އޭގެފަހުން މަތީ މަރުހަލާގެ ކޯޓަކުން ވަނީ މަރުގެ ހުކުމް އެއީ ސިޔާސީ ހުކުމެއް ކަމަށް ބުނެ އެހުކުމް ބާތިލް ކޮށްފައެވެ.

މުޝައްރަފްގެ ހަޔާތުން ފެނިގެން ދަނީ ވަރުގަދަ ބާރާއިއެކު ވެރިކަމަށް އައިނަމަވެސް މަޑުމަޑުން އޭނާ ބަލިކަށިވަމުން ގޮސް އެންމެފަހުން ވަރަށް ނިކަމެތި ގޮތަކަށް ސިޔާސީ ހަޔާތް ނިމިގެން ދިޔަ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޭޗާ

    ބާރުގަދަ ކޮންމެ އެއްޗަކީ ނުވަތަ މީހަކީ އަބަދު ބާރުގަ ހުންނާނެ މީހެއްނޭން، އެއީ ގުދުރަތުގެ ނިޔާ!

    24
    • ސުރައްޔާ/ބާޑީގެ/ތޮއްޑޫ

      އިބޫ އަށް ފޮނުވާ ތިޔަ ޙިޔާލު.

      11
  2. Anonymous

    ވަރުގަދަ ލާދީނީމީހާ ވެސް ބިރަކާ ނުލައި ގުންފައިޖަހަމުން ދަނިކޮށް، ﷲ ގެ އިރާދަފުޅާއެކު އޭނާއަށް ވެސް ވަރަށް ބަލިކަށި ނިމުމެއް އަންނާނެ.

    1
    1