އުތުރު ކޮރެއާގެ ނިއުކްލިއާރ ޕްރޮގްރާމްގެ ސަބަބުން އެމެރިކާއާއި އުތުރު ކޮރެއާއާއި ދެމެދުގައި ނުތަނަވަސްވެފައިވާ މަސްލަހަތު އަލުން އާންމު ހާލަތަކަށް ގެނައުމަށްޓަކައި އެމެރިކާގެ ސީއައިއޭގެ ޑިރެކްޓާރ އަދި އުތުރު ކޮރެއާގެ ލީޑަރު ބައްދަލުކުރިކަން ހާމަވެއްޖެއެވެ.

ދެ ގައުމުގެ ދެމެދުގައި ވާހަކަތައް ބޭއްވުމުގެ ގޮތުން އެމެރިކާގެ ޖާސޫސީ އެޖެންސީ ސީއައިއޭގެ ޑިރެކްޓަރ މައިކް ޕޮމްޕިއޯ އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ބައްދަލުކުރެއްވިކަމަށް އެމެރިކާގެ ދެ ނޫހަކުން ރިޕޯޓްކޮށްފައިވާއިރު އެ ބައްދަލުވުން ކުރިއަށްދިޔައީ އުތުރު ކޮރެއާގައިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް އަދި ރޮއިޓާސްއިން، ނަން ހާމަކޮށްފައިނުވާ ސަރުކާރުގެ އޮފިޝަލުންތަކެއް އެ މައުލޫމާތު ޔަގީންކޮށްދީފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު އޭގެ ވަގުތުކޮޅެއްކުރިން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އުތުރު ކޮރެއާއާއިއެކު ސީދާ ބައްދަލުވުންތަކެއް އެމެރިކާއިން ބާއްވާފައިވާކަމަށާއި އަދި އެއީ ވަރަށް މަތީ ފަންތީގެ ބައްދަލުވުންތަކެއްކަމަށް ބުނެފައެވެ.

ޓްރަމްޕް ވަނީ ދެ ގައުމުގެ ދެމެދުގައި ވާހަކަތައް ބޭއްވުމަށް ތަނެއް ކަނޑައެޅުމުގެ ގޮތުން ފަސް ތަނަކާއި މެދު ވިސްނަމުންދާކަމަށްވެސް ބުނެފައެވެ. އެމެރިކާގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި މައިކް ޕޮމްޕިއޯއަކީ އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށްވެސް ރައީސް ޓްރަމްޕް ހުށަހަޅާފައިވާ ފަރާތެވެ.

ސީއައިއޭގެ ޑިރެކްޓާރ މައިކް ޕޮމްޕިއޯ އުތުރު ކޮރެއާއަށް ކުރެއްވި އެ ދަތުރުފުޅަކީ 2000 ވަނަ އަހަރު އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މެޑެލިން އޯލްބްރައިޓް އުތުރު ކޮރެއާގެ އޭރުގެ ލީޑަރު ކިމް ޖޮންގް އިލް އާއި ބައްދަލުކުރެއްވިފަހުން ކުރިއަށްދިޔަ އެންމެ މަތީ ފެންވަރުގެ ބައްދަލުވުމެވެ.

އެމެރިކާއާއި އުތުރު ކޮރެއާގެ މެދުގައި ބޭއްވުމަށް ރޭވެމުންދާ ވާހަކަތައް މިއަންނަ ޖޫން މަސް ނުވަތަ އޭގެވެސް ކުރިން ފެށިދާނެކަމަށް ޓްރަމްޕް ބުނެފައިވާއިރު ޗައިނާގެ ވެރިރަށް ބެއިޖިންގް، އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދު، އޭޝިޔާގެ އެހެން ގައުމެއްގައި ނުވަތަ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައިވާ ބޯޓެއް ނުވަތަ މަނަވަރެއް މަތީގައިވެސް އެ ވާހަކަތައް ބޭއްވިދާނޭކަމަށް ދުނިޔޭގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.