ޗައިނާގެ ވުހާން ސިޓީ އިން ފެތުރެން ފަށާފައިވާ ކޮރޯނާވައިރަސްގެ ސަބަބުން އެ ގައުމުގައި އާދަޔާ ޙިލާފަށް މާސްކަށް އޮންނަ ޑިމާންޑު ބޮޑު ވެއްޖެއެވެ.

ޗައިނާ އަކީ ދުނިޔޭގައި އެންމެ ގިނައިން މާސްކު އުފައްދާ އެއް ގައުމު ނަމަވެސް، މި ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުގައި ވިޔަފާރިތައް ހިންގުންވެސް ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ ރައްޔިތުން ބޭނުންވާ ވަަރަށް މާސްކު އުފެއްދިފައެއް ނެތެވެ. މިއާއިއެކު އެ ގައުމުގެ ކުންފުންޏަކުން މިވަނީ ތުރުކީ އިން 200 މިލިއަން މާސްކު ގަންނަން އޯޑަރު ކޮށްފައެވެ.

ތުރުކީ އަކީވެސް މާސްކު އުފައްދާ ގައުމެކެވެ. ނަމަވެސް އެ ގައުމުން އަހަރެއްގެ މައްޗައް އާއްމު ގޮތެއްގައި އުފައްދަނީ 150 މިލިއަން މާސްކު ކަމުގައި ވާއިރު އެންމެ ކުންފުންޏެއްގެ ފަރާތުން 200 މިލިއަން މާސްކަށް އޯޑަރު ކުރުމުން އެވަރަށް މާސްކު އުފައްދަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް ތުރުކީގެ މާސްކު އުފައްދާ ބޮޑު ކުންފުންޏަކުން ވަނީ ބުނެފައެވެ.

" އަހަރެމެން މި ތިބީ މި ލިބުނު ބޮޑު އޯޑަރުގެ ސަބަބުން ސިހުމެއްގައި. އަހަރެމެން މި ވިޔަފާރި ކުރާތާ 17 އަހަރުވެފައި ވާއިރު ދުވަހަކުވެސް މިހައި ބޮޑު އޯޑަރެއް ނުލިބޭ. އަހަރެމެންގެ ފުރަތަމަ ޝިޕްމެންޓުގައި 250،000 މާސްކު ޗައިނާ އަށް ފޮނުވާނަން. ހުއްޓުމެއް، މެދުކެނޑުމެއް ނެތި މިހާރު މަސައްކަތް ކުރަމުން މި އަންނަނީ އޯޑަރު އަވަހަށް ނިންމައިލެވޭތޯ" ތުރުކީ މާސްކު ކުންފުންޏެއްގެ އިސް އޮފިޝަލަކު ބުނެފައިވެއެވެ.

ޗައިނާ އަށް ފޮނުވަނީ ރަނގަޅު ކޮލިޓީއެއްގެ މާސްކުތަކެއް ކަމަށް ބުނަމުން އޭނާ އިތުރަށް ބުނެފައި ވަނީ މި ދަނޑިވަޅުގައި ކޮރޯނާވައިރަސް ތުރުކީ އަށް ފެތުރިއްޖެނަމަ ތުރުކީގައި މާސްކު ހޯދުން ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށާއި އަދި އޭގެ އަގުތައް އަތް ނުފޯރާ ފަށަށްވެސް ގޮސްދާނެ ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ މިހާރު ތުރުކީ އަށް މާސްކުގެ އޯޑަރުތައް ދެމުންކަން ފާހަގަކޮށްލެވެއެވެ. ޗައިނާގައި މާސްކަށް އޮންނަ ޑިމާންޑު ކުއްލިއަކަށް ބޮޑުވެފައި މިވަނީ އެ ގަައުމުގައި ވައިރަސް ކޮންޓްރޯލް ނުވެ، ކޮންމެ ދުވަހަކުވެސް ވައިރަސް އަށް ޕޮސިޓިވް ވާ މީހުންނާއި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީއެވެ.