މެލޭޝިއާގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން މިއަދު ނިންމަވާ މަހާތީރު މުހައްމަދު މެލޭޝިއާ ރަސްގެފާނަށް އިސްތިއުފާ ހުށަހެޅުއްވުމުން އޭނާގެ އިސްތިއުފާ ގަބޫލު ކުރެއްވުމަށްފަހު އާބޮޑުވަޒީރެއް އައްޔަން ކުރެވެންދެން މަގާމުގައި ދެމިހުންނަވަން ރަސްގެފާން މަހާތީރުގެ ކިބައިން އެދިވަޑައިގެންފިއެވެ.

"ރޮއިޓާސް" އިން ބުނާ ގޮތުގައި ރަސްގެފާންގެ އެދިވަޑައިގަތުމާއި އެއްގޮތައް މަހާތީރު މަގާމުގައި ދެމިހުންނަވާނެއެވެ.

އާބޮޑުވަޒީރެއް އައްޔަން ކުރުމުގެ މައްސަލައަށް ފަސޭހަ ހައްލެއް ލިބިދާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. ސަބަބަކީ ވެރިކަން ކުރާ ކޯލިޝަނުން ވަކިވިކަން މިއަދު މަހާތީރުގެ ޕަރްތީ ޕްރިބްމީ ބެރަސަތޫ ޕާޓީން އިއުލާން ކޮށްފައި ވުމުންނެވެ. އެޕާޓީ ކޯލިޝަނުން ވަކިވުމާއި އެކު ކޯލިޝަންގެ ކުރިމަގާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަހާތީރުގެ ޕާޓީން ބޭނުން ވަނީ މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކާއި އެކު އާސަރުކާރެއް އެކުލަވާލާށެވެ.

އަލަށް އެކުލަވާލާ ސަރުކާރުގައި އަންވަރު އިބްރާހިމް ހިމަނަން މަހާތީރުގެ ޕާޓީން ބޭނުމެއް ނުވެއެވެ. ނަމަވެސް 2018 ވަނަ އަހަރު މަހާތީރަށް އަލުން ވެރިކަމަށް އާދެވުނީ އަންވަރުގެ ތާއިދު ލިބިގެން އުފައްދާފައި އޮތް ކޯލިޝަނުންނެވެ. އަންވަރަށް ވެރިކަމަށް ނާދެވުނީ އޭރު އޭނާ ޖަލު ޙުކުމެއްގައި ހުރުމުންނެވެ.

މަހާތީރު ވެރިކަމަށް ގެންނަން އަންވަރު ތާއިދު ކުރީ އަންވަރު ޖަލުން ސަލާމަތްވުމުން މަހާތީރު އިސްތިއުފާ ދިނުމަށް ފަހު އަންވަރާއި ވެރިކަން ހަވާލު ކުރަން އެއްބަސްވެގެންނެވެ. ނަމަވެސް އަންވަރު ވިދާޅުވާ ގޮތުގައި އެއްބަސްވުމާއި އެއްގޮތައް މަހާތީރު އަމަލެއް ނުކުރެއްވިއެވެ.

ސަރުކާރެއް އެކުލަވާލުމާއި ގުޅޭ ގޮތުން މަހާތީރުގެ ޕާޓީން އިދިކޮޅު ފަރާތްތަކާއި އެކު މިދިޔަ ހަފްތާ ބަންދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށާއި މަހާތީރު އިސްތިއުފާ ދެއްވީ އެމަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެއެއްބަސްވުމާއި ގުޅޭ އަދި އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.