ގައުމުގެ ފަގީރުކަމުގެ ނިސްބަތް ކުޑަކުރަން މުއްސަނދިން ކައިވެނި ކުރަންވީ، ފުދުންތެރިކަން ކުޑަ މީހުންނާއި ކަމަށް އިންޑޮނޭޝިއާގެ ކަލްޗަރ މިނިސްޓަރ މުހަދްޖިރް އެފެންޑީ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ފުދުންތެރިކަމާއި، ލިބޭ އާމްދަނީ ތަފާތު ދެ މީހަކު ކައިވެނި ކުރުމަކީ ފަގީރުކަން ކުޑަވެ، ހަމަޖެހުން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

އޭނާ ވަނީ ކައިވެނި ކުރަން ޖެހެނީ އެއްފެންވަރެއްގެ މީހުންގެ މެދުގައި ކަމަށް ދައްކަން މަސައްކަތް ކުރަނީ، ސަޤާފަތުގެ ގޮތުން ކަމަށާއި، އެއީ ދީނީ ކަމެއް ނޫން ކަމަށް ނޫން ކަމަށް ބުނެފައެވެ.

"ފަގީރު އާއިލާތަކުގެ މީހުން ފަގީރު މީހުންނާއި ކައިވެނި ކުރީމަ ވާގޮތަކީ އެ ފަގީރުކަން އެގޮތުގެ މަތީގައި ދެމިގެން ދަނީ. ފަގީރު އާއިލާތަށް އިތުރުވަނީ. އިންޑޮނޭޝިއާގެ މައްސަލައަކީ މިއީ." މުހާދްޖިރް ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ ތައުލީމީ ވުޒާރާއިން ހާމަކުރާ ގޮތުގައި، އެ ގައުމުގެ ފަގީރު އާއިލާތައް ދިރިއުޅޭ ގޭބިސީތަކުގެ އަދަދު 5 މިލިއަނަށް އަރައެވެ.

އިންޑޮނޭޝިއާގެ ގޭބިސީތަކުގެ ޖުމްލަ އަދަދު 57.1 މިލިއަން އަށް އަރައެވެ. އޭގެ ތެރެއިން 9.4 އިންސައްތަ ގޭބީސީތައް ނުވަތަ 5 މިލިއަން ގޭބިސީ އަކީ ފަގީރު މީހުން ދިރިއުޅެ ގޭބިސީތައް ކަމަށް ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ވޯލްޑް ބޭންކުން ވަނީ އިންޑިއާގެ 115 މިލިއަން މީހުންނަކީ މެދު ފަންތީގެ ދިރިއުޅެމެއް އުޅެމުންދާ އެންމެ އެދެވޭ އާމްދަނީއެއް ނުލިބޭ ބައެއް ކަމަށް ރިޕޯޓްކޮށްފައެވެ. އެއީ އިންސައްތައިން ބަލާނަމަ އިންޑޮނޭޝިއާގެ 45 އިންސައްތައެވެ.

އެެހެންނަމަވެސް ފާއިތުވި 15 އަހަރު ދުވަސް ތެރޭގައި އިންޑޮނޭޝިއާ އަށް ދިމާވެފައިވާ ފަގީރުކަމުގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް އެ ޤައުމުން ކޮށްފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ 15 އަހަރު ތެރޭގައި އެ ޤައުމުން ވަނީ އެ ޤައުމުގައި ތިބި ފަގީރުންގެ ނިސްބަތް 10%އަށް އިތުރުކޮށް، މެދު ފަންތީގެ އާމްދަނީ އެއް ލިބޭ ފަރާތްތަކުގެ ނިސްބަތް 7 ޕަރސަންޓުން 20 ޕަރސަންޓަށް އިތުރުކޮށްފައެވެ.

އިންޑޮނޭޝިއާގެ އަމާޒަކީ އެ ގައުމުގެ ފަގީރުންގެ އިންސައްތަ 0% އަށް ދަށްކުރުމެވެ.