އިސްރާއީލްގައި ސަރުކާރެއް އެކުލަވާނުލެވިގެން ބޭއްވި ތިން ވަނަ އާއްމު އިންތިޚާބު މިހާރުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ކޯލިޝަނުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ނަމަވެސް ކޯލިޝަން ހަދާނެ ތިން މެންބަރުން ނުލިބިގެން އެންމެ ފަހުން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އޭނާ އަށް ގެއްލިއްޖެއެވެ.

އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 120 މެންބަރުންގެ ތެރެއިން އަޣުލަބިއްޔަތު ކަމަށްވާ 61 މެންބަރުންގެ ތާއީދު ނަތަންޔާހޫ އާއި އެންމެ ގާތުން ވާދަކުރި ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގަންޓްސް އަށް މިހާރު ވަނީ ލިބިފައެވެ. އިސްރާއީލްގެ ރައީސް ރެއުވެން ރިވްލިން މިހާރު ވަނީ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ބެނީ އަށް ދީފައެވެ.

ބެނީ އަށް އަޣުލަބިއްޔަތު ލިބުނީ އަވިޑޯރ ލިބަމަން ވެސް އޭނާ އަށް ތާއިދު ކުރުމުންނެވެ. ލިބަމަން މީގެ ކުރިން ތާއިދު ކުރަމުން ގެންދިޔައީ ނަތަންޔާހޫ އަށެވެ. 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އޮތް އިންތިޚާބުގައި ލިބަމަން ވަނީ ނަތަންޔާހޫ އާއި ކޯލިޝަން ވެސް ހަދާފައެވެ. ނަމަވެސް ސެޕްޓެމްބަރ މަހު ވަނީ އެކޯލިޝަން ރޫޅިފައެވެ.

ނަތަންޔާހޫގެ ކޯލިޝަނުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރިނަމަވެސް އޭނާ ބޮޑުވަޒީރު ކަމަށް ގެންނަން ތާއިދު ކުރަނީ 58 މެންބަރުންނެވެ.

އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރު ސަރުކާރެއް އެކުލަވައި ނުލެވިއްޖެނަމަ ބެނީ އާއި ނަތަންޔާހޫ ކޯލިޝަން ހަދައިގެން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ފުރަތަމަ ވަގުތީ ސަރުކާރެއް އެކުލަވާލުމާއި ގުޅޭ ގޮތުން ވެސް ބެނީ އާއި ނަތަންޔާހޫ ވަނީ މަޝްވަރާ ކޮށްފައެވެ. ނަމަވެސް ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުކަން ހޯދަން ނަތަންޔާހޫ ޑިމާންޑް ކުރާތީ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣަފޫރު

    މިފަހަރު އިސްރާރީލުގެ ވެރިކަން ތިދިނީ ތެރަރިސްތުންދެކެ ލޯބިވާ ބަޔަކަށެވެ. މީގެ ހިތި ރަހަ އިސްރާއީލުގެ ނިކަމެތި ރައްޔިތުންގެ ކަރުބުޑުގަ ނުލަނީސް ސަލާމަތް ވާށެވެ

    2
    4