ކޮވިޑް-19 އާއި ގުޅިގެން މުޅި އިންޑިއާ ފުރަބަންދު (ލޮކްޑައުން) ކުރުމާއެކު އިންޑިއާގެ ރައްޔިތުން އާދަޔާ ހިލާފަށް ކާބޯތަކެތި ގަންނާތީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

އިންޑިއާ 21 ދުވަހަށް ފުރަބަންދު ކުރި ކަން އިއުލާން ކުރުމަށް ފަހު، އެ ގައުމުގެ ރައްޔިތުންނާ މުހާތަބް ކުރައްވައި މޯދީ ވިދާޅުވީ ގައުމު މިހާލަތުގެ ތެރެއަށް ވެއްޓުނު އިރު އެއްވެސް މީހަކު މި ބައްޔާ މެދު ސީރިއަސް ކަމެއް ނުގެންގުޅޭ ކަމަށެވެ.

އަދި އެ ގައުމު ފުރަބަންދު ކުރަން ނިންމީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

މޯދީގެ ވާހަކަފުޅުގައި ވަނީ ސޯޝަލް ޑިސްޓެންސިންގެ މުހިއްމު ކަން ފާހަގަކޮށް މިއީ މި ދަނޑިވަޅުގައި މި ވައިރަހުން ސަލާމަތްވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅު ކަމަށް ވިދާޅުވެފައެވެ. އަދި އާންމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކަށް ސުކުރު އަދާކުރުމަށް ވެސް މޯދީ ވަނީ ގޮވާލައްވައިފައެވެ.

އިންޑިއާ ފުރަބަންދު ކުރުމާއި ގުޅިގެން ގިނަ މީހުން ބިރުވެރިކަންމަތީގައި ތިބެ ކާބޯތަކެތި އާދަޔާއި ހިލާފަށް ގިނަ އަދަދަކަށް ގަންނަމުން އަންނަ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންއެވެ. އެކަން ފާހަގަ ކުރައްވާ މޯދީ ވިދާޅުވީ އާންމުން ބޭރު ތެރޭގައި އެއްވެ ނޫޅުމަށާއި ގޭގައި މަޑުކުރުމަށް ގޮވާލައްވައިފައެވެ. އަދި އެއްވެ އުޅުމަކީ ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

ސަރުކާރުން އާންމުންނަށް ބޭނުންވާ ޒަރޫރީ ސާމާނުތައް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މޯދީ ވަނީ ދެއްވައިފައެވެ.

އިންޑިއާގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުންގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، މި ބަލީގައި 10 މީހަކު ވަނީ އެ ގައުމުން މަރުވެފައެވެ.