އެމެރިކާގެ ނިއުޔޯކުގައި އިމަޖެންސީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ 230 މީހަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސިވެފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

ނިއުޔޯކްގެ ފަޔާ ޑިޕާޓްމަންޓުން މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހާމަކުރަމުން ބުނެފައިވަނީ، މި ނުރައްކާތެރި ވައިރަސް އަށް އެ ސްޓޭޓުން ފައްސިވި މެމްބަރުންގެ ތެރޭގައި ފަޔާފައިޓަރުންނާއި އިމަޖެންސީ މެޑިކަލް ރެސްޕޮންސް ޓީމުގެ އޮފިޝަލުންނާއި އިމަޖެންސީ ޚިދުމަތް ފޯރުކޮށްދޭ އެނޫންވެސް މެމްބަރުން ހިމެނޭ ކަމަށެވެ.

ނިއުޔޯކް ފަޔާ ޑިޕާޓްމަންޓުން ބޭރުގެ ބައެއް މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ ހަފްތާ ނިމުނުފަހުން ފާއިތުވެމިދަނީ މިހާތަނަށް އެ ޑިޕާޓްމަންޓުގެ މެމްބަރުން އެންމެ ބުރަކޮށް މަސައްކަތް ކުރާ ދުވަސްތައް ކަމަށާއި، އެގޮތުން ކޮންމެ ދުވަހަކު ރެކޯޑެއް އާވަމުންދާ ކަމަށެވެ.

އެމެރިކާއަކީ މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. މިހާތަނަށް ދުނިޔެއިން ކޮވިޑް-19 ފެނުނު 199 ޤައުމުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވީ ވެސް އެމެރިކާ އިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 139276 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 15000 އަށްވުރެ މީހުން ފައްސިވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އެމެރިކާއިން މިހާތަނަށް ވައިރަސް ޖެހިގެން 2438 މީހަކު ވަނީ މަރުވެފައެވެ. އޭގެތެތެރެއިން 218 މީހަކު މަރުވެފައި ވަނީ މިއަދު އެވެ. މިހާތަނަށް އެޤައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 4432 މީހެކެވެ. އަދި 2948 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

އެމެރިކާއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

މިހާތަނަށް ދުނިޔެއިން ޖުމްލަ 717187 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން ޖުމްލަ 33890 މީހަކު މިހާތަނަށް މަރުވެފައި ވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 150918 މީހެކެވެ. އަދި ބައްޔަށް ފައްސިވެގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 26743 ގެ ހާލު ސީރިއަސް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮން ފައްސިއެއް

    ފޮއްސި ކިޔާބަލަ ފޮއްސި