ދެކުނު އެޓްލާންޓިކްގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ފޯލްކްލޭންޑް އައިލޭންޑުން ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް (ކޮވިޑް-19) ފެނިއްޖެއެވެ.

އެޤައުމުން ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާކަން، ފޯލްކްލޭންޑް ސަރުކާރުން ނޫސްތަކުގައި ވަނީ ކަށަވަރުކޮށްދީފައެވެ.

ހުކުރު ދުވަހު ފޯލްކްލޭންޑުން ކޮވިޑް-19 އަށް މީހަކު ފައްސިވެފައިވާއިރު، އޭނާއަކީ މި ނިމިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހު އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެއް ކަމަށް އިދާރާތަކުން ބުނެއެވެ. ކޮވިޑް-19 އަށް އޭނާ ޓެސްޓު ކުރީ ބަލީގެ ގިނަ އަލާމާތްތައް ފެނިގެން ކަމަށް ވެއެވެ.

ކޮވިޑް-19 އަށް އެޤައުމުން ފުރަތަމަ ފައްސިވި އެމީހާއަށް ބަލި ޖެހިފައިވީނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ. ފޯލްކްލޭންޑުގެ ކަމާއި ބެހޭ ފަރާތްތަކުން މިހާރު ދަނީ އޭނާ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

ފޯލްކްލޭންޑް އައިލޭންޑުން ކޮވިޑް-19 ފެނުމާއި އެކު މިހާތަނަށް ދުނިޔެއިން މި ވައިރަސް ފެނުނު ޤައުމުތަކުގެ އަދަދު ވަނީ 205 އަށް އަރާފައެވެ. މި ޤައުމުތަކުން މިހާތަނަށް ޖުމްލަ 1098762 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު އޭގެތެރެއިން 59172 މީހަކު ވަނީ މަރުވެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ދުނިޔެއިން ފެނުނު ކޮވިޑް-19 އަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިފެހެއްޓުމެއް ނެތި މި ވައިރަސް އަދިވެސް ދަނީ ފެތުރެމުންނެވެ.