ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސްގެ ސަބަބުން ސްޕެއިން އިން އިތުރު 567 މީހަކު މަރުވެއްޖެއެވެ.

މިއަދުގެ މިހައިތަނަށް މަރުވި މީހުންނާއި އެކު ވައިރަސްގެ ޝިކާރަ އަކަށްވެ ސްޕެއިން އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 18،056 އަށް އަރާފައެވެ. ސްޕެއިން އަކީ ޔޫރަޕްގައި އެންމެ ގަދައަށަ ވައިރަސް ފެތުރެމުން އަންނަ ގައުމު ކަމުގައިވާއިރު، މިހައިތަނަށް މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވި އެމެރިކާ އަށް ފަހުގައި ދެވަނާގައި އޮތީވެސް ސްޕެއިންނެވެ. އެ ގައުމުން ޖުމްލަ 172،541 މީހުން ވަނީ ވައިރަހަށް ފައްސިވެފައެވެ. އޭގެ ތެރެއިން 3،045 މީހުން ފައްސިވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ޔޫރަޕްގެ ހުރިހާ ބޯޑަރުތަކެއްވެސް ބަންދު ކޮށްފައި ވާއިރު، ސްޕެއިންގައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުވެސް އިއުލާން ކޮށްފައެވެ. އަދި މި މަހުގެ 26ގެ ނިޔަލަށް ކާފިއުގެ މުއްދަތު އިތުރުކޮށް، އާއްމުން ގެތަކުގައި ބޭއްތިއްބުމަށް އެ ގައުމުގެ ސަރުކާރުނަ މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

މިއަދު ސްޕެއިން އިން 567 މީހަކު މަރުވެފައިވާއިރު، މިއީ އިއްޔެ އެ ގައުމުން މަރުވި މީހުންނަށް ވުރެން 50 މީހުންގެ އިތުރުވުމެކެވެ. ނަމަވެސް، މީގެ ދުވަސްތަކެއް ކުރިން އެ ގައުމުން މީހުން ފައްސިވަމުން ގެންދިޔަ އަދަދާއި މަރުވަމުން ގެންދިޔަ އަދަދާއި ބަލާފައި މިހާރު އެ ގައުމުގެ އަދަދުތައް ދަށަށް ދަމުން އަންނަކަން ފާޙަގަކޮށްލެވެއެވެ.

ސްޕެއިންގެ ހޮސްޕިޓަލްތަކުގައި 7،371 މީހެއްގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން އަންނައިރު، މިހަައިތަނަށް ފަރުވާ ދީގެން 67،504 މީހުން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ރަނގަޅުކޮށްފައޭ ލިޔުމުގެ ބަދަލުގައި ރަނގަޅުވެފައޭ ލިޔުއްވުން ރަނގަޅީ. އިންސާނުންނަށް ކުރެވޭނީ ސަބަބުތަކުގަ ހިފައިގެން މަސައްކަތް. ޝިފާ ދެއްވުމާއި ފުރާނަގެންދެވުން ވަނީ މާތްﷲ ގެ ޔަދު ޤުދަރަތްޕުޅުގައި.