ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 778 މީހަކު މިއަދުވެސް މަރުވެއްޖެއެވެ.

އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 12،107 މީހުން މަރުވެފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މުޅިން އަލަށް 5،252 މީހަކު ވަނީ ފައްސިވެފައެވެ. މިހާރު އެ ގައުމުގެ ޖުމްލަ ފައްސި ވަނީ 93،873 އަށް އަރާފައެވެ.

އިއްޔެ އެގައުމުން މިބަލި ޖެހިގެން 717 މީހަކު މަރުވެފައިވާއިރު، މި މަހުގެ 11 ވަނަ ދުވަހު 917 މީހަކު ވަނީ މަރުވެފައެވެ. އަދި 10 ވަނަ ދުވަހު 953 މީހަކު މަރުވެފައިވާއިރު، 9 ވަނަ ދުވަހު 887 މީހަކު ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތަކީ މި ބަލި ޖެހިގެން 6 ވަނަ އަށް އެންމެ ގިނަ މީހުން މިހާރު ފައްސި ވެފައިވާ ގައުމެވެ. މިއަދު އެގައުމުން ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ އިއްޔެ އަށް ވުރެން 61 މީހުންނަށް އިތުރުވެފައެވެ. އިއްޔެ އެ ގައުމުން 717 މީހުން މަރުވި އިރު، އެއީ ފާއިތުވި ފަސް ދުވަސްތެރޭ ދެވަނައަށް އެންމެ މަދުން މީހުން މަރުވި ދުވަސްކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވުހާން ސިޓީން ވައިރަސް ފެނި، އެގައުމުން ވަނީ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައެވެ. އެހެން ކަމުން ގިނަ ބަޔަކު ބުނެފައިވަނީ އެގައުމުން ހީނުކުރާ އަދަދެއްގެ މީހުން މަރުވާނެ ކަމަށެވެ. އެހެން ނަމަވެސް އެގައުމުން މިހާރު ވަނީ ބަލި ކޮންޓްރޯލް ކޮށްފައެވެ.

މި ވައިރަސް ޖެހިގެން މިހާތަނަށް 2 މިލިއަނާއި ގާތްކުރާ އަދަދަކަށް މީހުން ރިޕޯޓް ކޮށްފައިވާއިރު، ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަދި އިނގިރޭސިވިލާތަކީ އެމެރިކާ އަށް ފަހުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުންދާ ގައުމެވެ.