އޮސްޓްރޭލިއާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ކަރަންޓީނުކޮށްފައި އޮއްވައި ފިލައިގެން ލޯބިވެރިޔާާ އާއި ބައްދަލު ކުރުމަށް ދިޔަ ފިރިހެނަކު އެ ގައުމުން ހައްޔަރުކޮށްފިއެވެ.

ޖޯންތަން ޑޭވިޑް ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ މި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ޓްރިވޮލޭޖް ނަމަކަށް ކިޔާ ހޮޓަލެއްގައި ކަރަންޓީނުކޮށްފައި ހުއްޓައި ޕަބްލިކް ޓްރާންސްޕޯޓު މެދުވެރިކޮށް ކަމަށް ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ފިރިހެން މީހާ އަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކޮށްފައިވާ މީހެއް ކަމަށް ވެއެވެ. އަދި މިހާރު ދޫކޮށް ނުލައި އޭނާ ހުރީ އަދި އެކަމަށް ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިފައި ނުވުމުން ކަމަށް އޮސްޓްރޭލިއާ ފުލުހުންނާ ހަވާލާދީ ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރިއިރު، ކޯޓުން އެމީހާގެ މައްޗަށް ވަނީ ހަ މަހުގެ ޖަލު ހުކުމެއް އިއްވައި 2000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެފަދަ ކުށަކަށް އޭނާ އަރައިގެންފި ނަމަ މުއްދަތު އިތުރު ކުރުމަށް ކޯޓުން ވަނީ ނިންމައިފައެވެ.

ކޮވިޑް-19 ވައިރަހާ ގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި އެހެނިހެން ކަމާބެހޭ ވުޒާރާތަކުން ދަނީ މި ވަގުތު، އެއްވެސް އިތުރު މީހަކަށް ބަލީގެ ނުރައްކާ ފޯރަފާނެ ފަދަ ގޮތަކަށް އަމަލު ނުކުރުމަށް އަންގަމުންނެވެ. އަދި މިފަދައިން އަމަލުތައް ނުބައްހައްޓާ މީހުންނަށް ދަނީ އެކިވަރުގެ ޖޫރިމަނާތަކާއި އަދަބުތައް ދެމުންނެވެ.

ކޮވިޑް-19 ފެތުރުން އަދިވެސް ކޮންޓްރޯލް ވެފައި ނުވާއިރު، މި ބައްޔަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ.