ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ދެކުނުގައި މިހާރު އުފެދިފައިވާ ތޫފާން، "ފްލަމްބޮޔަން"އަކީ މިވަގުތު ދުނިޔޭގައި ދައުރުވަމުންދާ "އެންމެ ބާރުގަދަ" ތޫފާން ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ބުނެފިއެވެ.

ނާސާގެ "އެކުއަރ" ސެޓެލައިޓުގެ "މޮޑަރޭޓް ރެޒޮލިއުޝަން އިމޭޖިންގ ސްޕެކްޓްރޮރޭޑިއޯމީޓަރ" ބޭނުންކޮށްގެން މި ސަރަޙައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް މިހާރު ޢާންމުކޮށްފައިވާއިރު، އެ އިދާރާއިން ބުނީ، ތޫފާން ދައުރުވަމުންދާ ސަރަޙައްދުގެ ވައި ހުރި ގޮތުން މިހާރު ތޫފާނުގެ މިސްރާބު ހުރީ އިރުއުތުރަށް ކަމަށެވެ.

ނިމިދިޔަ އޭޕްރިލްމަހުގެ ފަހުކޮޅުގައި އުފެދެންފެށި މި ތޫފާން ފާއިތުވެދިޔަ ދުވަސްތަކުގައި އިތުރަށް ބާރުގަދަވެފައިވާއިރު، ނާސާއިން ބުނީ ތޫފާން ދައުރުވާ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑަކީ މިވަގުތު އުފެދިފައިވާ އެންމެ އުސް އަދި އެންމެ ފިނިގަދަ ކޮޅިގަނޑު ކަމަށެވެ.

އިއްޔެ ނާސާއިން ނަގާފައިވާ ފޮޓޯތަކުން ހާމަވެފައިވާގޮތުގައި، ތޫފާން ފްލަމްބޮޔަން މިވަގުތު ދައުރުވަމުންދަނީ ޑިއޭގޯ ގާޝިއާގެ އިރު ދެކުނުން 861 ނޮޓިކަލް މޭލެ ބޭރުންނެވެ. އަދި ތޫފާން ދަތުރުކުރަމުންދަނީ ގަޑިއަކު 12 ކިލޯމީޓަރުގެ ބާރުމިނުގައި ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ތޫފާން ފްލަމްބޮޔަންގެ އަސަރު އެންމެ ބޮޑަށް ކުރާ ސަރަޙައްދުތަކަށް ގަޑިއަކު 129 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް ބެލެވިފައިވާއިރު، ތޫފާން ވަނީ ކެޓެގަރީ އެކެއްގެ ނަގޫރޯޅިއެއްހައި ބާރު ގަދަވެފައި ކަމަށް އެމެރިކާގެ ޖޮއިންޓް ޓައިފޫން ވާނިންގ ސެންޓަރ (ޖޭ.ޓީ.ޑަބްލިއު.ސީ) އިން ބުނެފައިވެއެވެ. އެހެން ނަމަވެސް މި ބާރުމިން ކުރިއަށްއޮތް ދުވަސްތަކުގައި ދަށްވާނެ ކަމަށް އެ ސެންޓަރުން ލަފާކުރެއެވެ.