ކޮވިޑް-19 އާ ގުޅިގެން ޗައިނާ ރައްޔިތުން އޮސްޓްރޭލިއާ އަށް ދަތުރު ނުކުރަން ޗައިނާގެ ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.

ޗައިނާގެ ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން އޮސްޓްރޭލިއާގައި ދިރިއުޅޭ ޗައިނާ އާއި އޭޝިއާ އަށް ނިސްބަތްވާ ރައްޔިތުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާ އާއި އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނަށް ހަމަލަ ދިނުމުގެ ވިސްނުން އޮސްޓްރޭލިއާގެ ބައެއް ރައްޔިތުން ގެންގުޅެމުންދާ ކަމަށެވެ. އެހެންވެ، ޗައިނާ ރައްޔިތުން މިކަމަށް ސަމާލުވާން ބަޔާނުގައި އެދިފައިވެއެވެ.

"ޓޫރިޒަމް މިނިސްޓްރީން އެދެނީ މިކަމާ ގުޅިގެން ރައްކާތެރިވެ ތިބުމަށް، އަދި އޮސްޓްރޭލިއާ އަށް ދަތުރު ނުކުރަން،" ބަޔާނުގައިވެއެވެ.

އެކަމަކު، ޓޫރިޒަމް މިނިސްޓަރު ސިމޮން ބާމިންހަމް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

ކޮވިޑް-19 އަކީ ޗައިނާގެ ވޫހާން ސިޓީން އުފަންވެގެން އައި ވައިރަސްއެކެވެ. އެ ގައުމުގައި 83،000 މީހުންނަށް ބަލި ޖެހި 4،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޗައިނާގައި ފެތުރުނު ވައިރަސް ދުނިޔޭގެ ގިނަ ގައުމުތަކަށް ވަނީ ފެތުރިފައެވެ.

އެކަމަކު، އޮސްޓްރޭލިއާގައި މި ބަލި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އެ ގައުމުގައި 7،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނު އިރު، މަރުވެފައި ވަނީ 102 މީހެކެވެ.