އަވައްޓެރި އިންޑިއާގައި ކުޑަ ކުއްޖަކު ރޭޕްކޮށްލި މައްސަލައަކާއި ގުޅުންހުރި ކުޑަ ތިން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެޤައުމުގެ އިދާރާތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން ރާޖަސްތާނުގައި ހިނގި މި ހާދިސާގައި ރޭޕްކޮށްލާފައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ. އޭނާ ރޭޕްކޮށްލީ، އޭނާ ނިސްބަތްވާ މަދިޔަ ޕްރަދޭޝް އިން އޭނާ ރަހީނުކޮށްގެން ރާޖަސްތާނަށް ގެންގޮސް ކަމަށް ވެއެވެ.

މި ހާދިސާ އާއި ގުޅިގެން މިހާތަނަށް ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އޭގެތެރޭގައި ކުޑަ ތިން ކުއްޖަކު ހިމެނޭހެން، ރޭޕްކޮށްލި ކުއްޖާގެ އަންހެން ރަހުމަތްތެރިއަކާއި އިތުރު ދެ ޒުވާން ފިރިހެނަކު ހިމެނެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުން މި އަންހެން ކުއްޖާ ރަހީނުކޮށްފައި ވަނީ ޖޫން މަހުގެ 16 ވަނަ ދުވަހު ރޭލްވޭ ސްޓޭޝަނަކުންނެވެ. އެއަށްފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ މަދިޔަ ޕްރަދޭޝްގެ ހޮޓަލަކަށް ކަމަށާއި، އެތަނުގައި ވެސް އޭނާ ރޭޕްކޮށްލާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ ރާޖަސްތާނުގެ ގެއަކުންނެވެ. މި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންވެސް އަތުލައިގަތީ އެގެއިންނެވެ.

އިންޑިއާއަކީ ދުނިޔެއިން ވެސް ރޭޕްގެ މައްސަލަތައް އެންމެ ގިނަ އެއް ޤައުމެވެ. އެޤައުމުން މިފަދަ އެތައް މައްސަލަތައް ކޮންމެ ދުވަހަކުވެސް ފެންމަތިވަމުން ދެއެވެ. ނަމަވެސް މިފަދަ މައްސަލަތައް ހުއްޓުވުމަށް އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ނުލިބެއެވެ.