ހޮންކޮންގެ ސަލާމަތައް ނުރައްކާ ވެދާނެ ފަދަ އަމަލެއް ކޮށްފި ނަމަ އެފަދަ މީހަކަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަލަށް ފާސްކުރި ހޮންކޮންގެ ގައުމީ ސަލާމަތާއި ބެހޭ ޤާނޫނުގެ ދަށުން އަންނާނެ ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އަލަށް ފާސްކުރި ޤާނޫނުގައި އެންމެ ބޮޑު ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ބޭރުގެ ފަރާތްތަކާއި ގުޅިގެން ޤާނޫނާއި ހިލާފު އަމަލު ހިންގުމެވެ. ނުވަތަ އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިވުމެވެ.

މިޤާނޫނުގައި ނިރުބުވެރިކަން (ޓެރަރިޒަމް) ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކޮށްފައެވެ. އާއްމު ދަތުރު ފަތުރުގެ ނިޒާމު ހުއްޓުވުމަކީ ނުވަތަ ހުއްޓުވަން މަސައްކަތް ކުރުން އެއީ ވެސް ނިރުބުވެރި އަމަލެއް ކަމަށް ޤާނޫނުގައި ބުނެފައި ވެއެވެ. ނިރުބުވެރި އަމަލެއް ކުރުން ނުވަތަ ކުރުމުގައި ބައިވެރިވާ މީހެއްގެ އަދަބަކީ ވެސް އުމުރު ދުވަހުގެ ޖަލު ޙުކުމެކެވެ.

ހޮންކޮންގުގައި އަމަލު ކުރާނެ ހަރުކަށި ޤާނޫނެއް ފާސްމިކުރީ މިދިޔަ އަހަރުން ފެށިގެން ހޮންކޮންގްގެ ސަރުކާރާއި އަދި ޗައިނާގެ މައި ސަރުކާރާއި ދެކޮޅަށް ހޮންކޮންގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ގެންދާތީ އެކަން ހުއްޓުވަން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ހޮންކޮންގްގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހޮންކޮންގައި ހަމަނުޖެހުން ގެއްލުވާލާ، ޗައިނާ ސަރުކާރާއި ދެކޮޅަށް ހޮންކޮންގް މީހުން ނެރުމުގެ އަޑީގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެމެރިކާ އިންނެވެ. އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުން ވެސް މިކަމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ހޮންކޮންގައި އަމަލު ކުރަން ފަށާފައިވާ ގައުމީ ސަލާމަތާއި ބެހޭ ޤާނޫނާއި ދެކޮޅަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެރިން ގެންދަނީ އަޑުއުފުލަމުންނެވެ.