ކޮވިޑް-19 ގެ ސަބަބުން ބަންދު ކޮށްފައިވާ ޔޫރަޕިއަން ޔޫނިއަންގެ ބޯޑަރު ބައެއް ޤައުމުތަކަށް ހުޅުވާލާއިރު، އޭގެތެރޭގައި ހިމެނިފައި ނުވުމުން ތުރުކީން ނުރުހުން ފާޅުކޮށްފިއެވެ.

އީޔޫއިން ރައްކާތެރިކަމަށް ކަނޑައެޅި ޤައުމުތަކުގެ ލިސްޓުގައި ތުރުކީ ނެތުމުން އެޤައުމުން ބުނެފައިވަނީ، އެއީ އީޔޫއަށް "އޮޅުމަކުން" ވީ ކަމެއް ކަމަށާއި، އެހެންކަމުން އެކަން އިސްލާހުކޮށް އަލުން ލިސްޓު އާންމު ކުރުމަށް އެދޭ ކަމަށެވެ.

އީޔޫގެ ނިންމުމާއި ގުޅިގެން ތުރުކީ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ހާމީ އަކްސޮއި ނެރުއްވި ބަޔާނެއްފައި ވިދާޅުވެފައި ވަނީ، ރައްކާތެރި ޤައުމެއްގެ ގޮތުގައި އީޔޫއިން ތުރުކީ ނުދެކޭތީ ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި އެއީ އޮޅުކަމުން ހިނގާފައިވާ ކަމެއް ކަމަށްވާނަމަ، ތުރުކީ ހިމަނައިގެން އަލުން ލިސްޓު އާންމުކުރުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދެނީ ވީހާވެސް އަވަހަށް މި ހެދިފައި އޮތް ގޯސް ރަނގަޅު ކުރުމަށްފަހު ލިސްޓު އަލުން އާންމު ކުރުމަށް. ޤައުމުތައް ރައްކާތެރިކަމަށް ކަނޑައަޅައި ބޯޑަރު ހުޅުވާލާއިރު، ބަލަންޖެހޭ މިންގަނޑުތަކުން ތުރުކީއަށް ފުރުސަތު ނުލިބެންވީ ސަބަބެއް ނެތް،" ހާމީ ވިދާޅުވިއެވެ.

އީޔޫއިން ރައްކާތެރި ކަމަށް ކަނޑައަޅާފައި ވަނީ 15 ޤައުމެކެވެ. އޭގެތެރޭގައި ހިމެނެނީ އަލްޖީރިޔާ، އޮސްޓްރޭލިއާ، ކެނެޑާ، ޖޯޖިއާ، ޖަޕާން، މޮންޓެނެގްރޯ، މޮރޮކޯ، ނިއުޒިލޭންޑް، ރުވާންޑާ، ސާބިއާ، ދެކުނު ކޮރެއާ، ތައިލޭންޑް، ޓިއުނީޝިއާ އަދި އުރުގުއޭ އެވެ. މީގެ އިތުރުން ޗައިނާއަށްވެސް އީޔޫގެ ބޯޑަރުތައް، ކަނޑައެޅޭ ވަކި މިންގަނޑުތަކެއްގެ ދަށުން ހުޅުވާލެވޭނެ ކަމަށް އީޔޫ އިން ބުނެފައި ވެއެވެ.

އީޔޫއިން ބުނެފައިވަނީ ހާލަތައް ބަލާފައި ލިސްޓުގައި ނުހިމެނޭ ގައުމުތަކަށް ލިސްޓުގައި ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އީޔޫ ލިސްޓުގައި ނުހިމެނުމުން ތުރުކީން ނުރުހުން ފާޅުކޮށްފައިވާއިރު، އެޤައުމަކީ ދުނިޔެއިން 13 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. މިގޮތުން އެޤައުމުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ ދެލައްކައަށްވުރެ އިތުރުވެފައެވެ. އޭގެތެރެއިން 5000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.