ފާއިތުވެދިޔަ ދުވަސްތަކުގައި މުޅި ދުނިޔެއަށް ނުރައްކާ ކުރިމަތިކޮށްފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ ސަބަބުން އޮސްޓްރޭލިއާގެ ބައެއް ސަރަޙައްދުތައް ދެވަނަ ފަހަރަށް ފުރަބަންދަށް ގެންދިއުމަށް ނިންމައިފިއެވެ.

ކޮވިޑް-19 ގެ ނުރައްކާ އިތުރުވާން ފެށުމާއި ގުޅިގެން އޮސްޓްރޭލިއާ އިން ފުރަބަންދުގެ ހާލަތު އިއުލާނުކުރާ ސަރަޙައްދުތަކުގެ ތެރޭގައި އެޤައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، މެލްބަން ހިމެނެއެވެ. މި ސިޓީއަކީ މިދިޔަ ދުވަސްތަކުގައި އެންމެ ބޮޑަށް ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނަ ސިޓީ އެވެ.

ބަލިފެތުރުން އިތުރުވެ ކޮވިޑްގެ ދެވަނަ ރާޅެއްގެ ނުރައްކާ ބޮޑުވާން ފެށުމާއި ގުޅިގެން މެލްބަންގައި މިއަދުން ފެށިގެން ފުރަބަންދަށް އަމަލުކުރަން ފަށާއިރު، އެ ސިޓީގެ ބޯޑަރުތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ޗެކްޕޮއިންޓް ޤާއިމްކޮށް ސިޓީއަށް ވަދެނިކުމެ އުޅުން އާންމުންނަށް ވަނީ މަނާކޮށްފައެވެ.

އޮސްޓްރޭލިއާގެ އިދާރާތަކުން ބުނެފައިވާ ގޮތުން ކޮވިޑް-19 ފެތުރެންފެށިފަހުން މެލްބަންގައި ދެވަނަ ފަހަރަށް އިއުލާނުކުރާ މި ފުރަބަންދުގެ މުއްދަތު ހަ ހަފްތާއަށް ދެމިގެންދާނެއެވެ. މި މުއްދަތުގައި ކޮންމެހެން ބޭރަށް ދާން ޖެހޭ ހާލަތްތަކުގައި މެނުވީ އާންމުން ބޭރަށް ނިކުމެއުޅުން ވަނީ މަނާކޮށްފައެވެ.

މެލްބަންގެ އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނެފައިވާ ގޮތުން، އެ ސިޓީގައި ފުރަބަންދު އިއުލާނުކުރަން ނިންމީ މިދިޔަ އަންގާރަ ދުވަހު އިތުރު 191 މީހަކު އެ ސިޓީން އަލަށް ކޮވިޑަށް ފައްސިވުމާއި ގުޅިގެންނެވެ. މިއީ މި ބަލިމަޑުކަން އޮސްޓްރޭލިއާގައި ފެތުރެންފެށި ފަހުންވެސް މެލްބަންގައި އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އޭޕްރިން ފަހުކޮޅުން ފަށައިގެން ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްވެގެން ދިއުމަށްފަހު އޮސްޓްރޭލިއާއަށް ދެވަނަ ރާޅެއްގެ ނުރައްކާ ބޮޑުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެއާއެކު އެޤައުމުން އަލަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

މިހާތަނަށް އޮސްޓްރޭލިއާއިން ޖުމްލަ 8,886 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 106 މީހަކު މަރުވެފައި ވާއިރު ބަލިން ރަނގަޅުވީ މީހުންގެ އަދަދު 7000 އަށް އަރާ ކަމަށް އިދާރާތަކުން ބުނެއެވެ.