ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް މެކްސިކޯ ވެއްޖެ އެވެ.

ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމަކަށް މެކްސިކޯ ވެފައި މިވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު މި ބަލީގައި މަރުވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެކްސިކޯ އިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 276 މީހަކު މަރުވެފައި ވެއެވެ. މިދީ ފާއިތުވެދިޔަ ހަފްތާއެއްހައި ދުވަހަށް ބަލާއިރު އެޤައުމުން އެންމެ މަދުން މީހުން މަރުވި ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

މިދިޔަ އެއް ހަފްތާގެ ތެރޭގައި އެކަނިވެސް މެކްސިކޯއިން 4300 އަށްވުރެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35,006 އަށް އަރާފައެވެ.

ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް ޖެހިގެން މަރުވި ޤައުމަކަށް މެކްސިކޯ ވެފައި މިވަނީ، ހަތަރުވަނައަށް ކުރިން އޮތް އިޓަލީއަށްވުރެ މަރުވި މީހުންގެ އަދަދު އިތުރުވުމުންނެވެ. އިޓަލީން މިހާތަނަށް މި ބަލީގައި މަރުވެފައި ވަނީ 34,967 މީހެކެވެ.

މެކްސިކޯ އަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ޤައުމެވެ. މިގޮތުން އެޤައުމުން ބަލިޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

އިދާރާތަކުން ހާމަކުރާގޮތުން މެކްސިކޯ އިން މިދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް އިތުރު 4,482 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއީ ފާއިތުވެދިޔަ ދެ ފަހްތާއެއްހައި ދުވަސް ތެރޭގައި ވެސް އެޤައުމުން އެންމެ މަދު ބަޔަކު މި ބައްޔަށް ފައްސިވީ ފަހަރެވެ. މެކްސިކޯ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 299,750 އެވެ. އެޤައުމަކީ ދުނިޔެއިން މިވަގުތު އަށްވަނައަށް އެންމެ ވޭދަނަ (ކޭސް) ފެންމަތިވި ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މެކްސިކޯއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 184,764 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން 378 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

މެކްސިކޯ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.