ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ އިޤްތިސާދީ ހީނަރުކަމުން އަރައިގަނެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވުމުގެ ގޮތުން ސޫދާނުގެ ސަރުކަރުން އެޤައުމުގެ ރައްޔިތުންނަށް ފައިސާ ބަހަން ނިންމައިފިއެވެ.

ސޫދާން ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް ބަހަން ނިންމާފައި ވަނީ މިދިޔަ މަހު ޖަރުމަންވިލާތުގައި ބޭއްވި ބައިނަލްއަޤުވާމީ ކޮންފަރެންސެއްގައި 40 ޤައުމަކުން ސޫދާނަށް ހަދިޔާ ކޮށްފައިވާ 1.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ފައިސާއެވެ.

މިކަމާއި ގުޅިގެން ސޫދާނުގެ އިދާރާތަކުން ނޫސްތަކުގައި ބުނެފައި ވަނީ، އެޤައުމުން ރައްޔިތުންނަށް ފައިސާ ބެހުމަށް ފަށާ ޕްރޮގްރާމުގެ އަމާޒަކީ އާބާދީގެ 80 އިންސައްތަ މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ކޮވިޑް-19 އާއި ގުޅިގެން ޤައުމަށް ދިމާވެފައިވާ ދަތި ހާލަތު މިހާރަށްވުރެ ރަނގަޅު ކުރެވިދާނެކަމުގެ އުންމީދު އޮތް ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

ސޫދާނުގެ ސަރުކާރުން ކުރިޔަށްގެންދާ އެހީގެ ޕްރޮގްރާމުގެ ދަށުން ފައިސާދޭ ކޮންމެ މީހަކަށް ލިބެނީ 21 އެމެރިކާ ޑޮލަރު ކަމަށް ވެއެވެ. މިއީ ސޫދާނުގެ ފައިސާއިން ބަލާނަމަ ބޮޑު އަދަދެއް ނަމަވެސް ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް މިއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެއީ ސޫދާނުގައި ދުވަހެއް ދުވަހަކަށް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ކާބޯތަކެތީގެ އަގު ބޮޑުވަމުން އަންނާތީއެވެ.

ސޫދާނުގެ ސަރުކާރުން އަންނަނީ އެޤައުމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އިޤްތިސާދީ ހިންގުމަށް އިތުރު ބަދަލުތަކެއް ގެންނަންވެސް މަޝްވަރާ ކުރަމުންނެވެ. އެޤައުމުގައި ތަކެތީގެ އަގުބޮޑުވަމުން ދާތީ ގިނަ ބަޔަކު އަންނަނީ ސިލްސިލާ މުޒާހަރާތައް ވެސް ކުރަމުންނެވެ.

43 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސޫދާނަކީ ދުނިޔެއިން ވެސް އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެޤައުމަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެ، ދިމާވެފައިވާ އިޤްތިސާދީ ހީނަރުކަމާއި ގުޅިގެން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ އިތުރަށް ގޯސް ވެފައެވެ.

ސޫދާނުން މިހާތަނަށް ދިހަ ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 657 މީހަކު މަރުވެފައި ވާއިރު، ބަލިން ރަނގަޅުވެފައި ވަނީ ފަސްހާހެއްހައި މީހުންނެވެ.