ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ފާއިތުވި 48 ގަޑިއިރު ތެރޭގައި އިންޑޮނޭޝިއާއިން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އެ ގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ބަލި ޖެހިގެން މަރުވެފައި ވަނީ 96 މީހެކެވެ.

މިއީ އެގައުމުން މި ބަލި ޖެހިގެން ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ދުވަހެއެވެ.

ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރާ ބައިނަލްއަގްވާމީ އިދާރާއަކުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެގައުމުން އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ އިއްޔެއެވެ. އެގޮތުން 127 މީހަކު މި ބަލި ޖެހިގެން ވަނީ މަރުވެފައެވެ.

އެހެންކަމުން އެ ގައުމުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު ރެކޯޑް މިންވަރަަކަށްމި ވަނީ އިތުރުވެފައެވެ. އަދި ފާއިތުވެދިޔަ 48 ގަޑިއިރު ވެފައި ވަނީ އެ ގައުމަށް ބަލީގެ ބިރުވެރިކަން ބޮޑުވި ވަގުތުތަކަށެވެ.

އިންޑޮނޭޝިއާއިން މި ބަލި ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.

އިންޑޮނޭޝިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 88,214 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 4,239 މީހަކު ބަލި ޖެހިގެން މަރުވެފައިވާއިރު، 46,977 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި އެގައުމުން 36,998 މީހަކަށް ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫނެވެ.

މި ބަލި ޖެހޭ މީހުންގެ ތެރެއިން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު ނަމަވެސް މި ބަލި ޖެހޭ ކޮންމެ މީހަކު މަރެއް ނުވެއެވެ. ދުރާލާ އެކަމަށް ތައްޔާރުވެގެން އެކަށީގެންވާ ފިޔަވަޅު އަޅައިފިނަމަ ބަލިން ސަލާމަތްވެއެވެ.