ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ މާސްކް ޕެޓްރޯލް ބޭނުން ކޮށްގެން ދޮވެގެން ދެވަނަ ފަހަރަށް ވެސް މާސްކް ބޭނުން ކުރަން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓް އެގައުމުގެ ރައްޔިތުން ކިބައިން އެދިއްޖެއެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފޮތި މާސްކް ދޮވެގެން ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ސާޖިކަލް މާސްކް އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލަން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އެދެއެވެ. މާސްކް ދޮންނަން ޕެޓްރޯލް ބޭނުން ކުރުމަކީ ސިއްހީ އިތުރު އެތައް މައްސަލައެއް ކުރިމަތިވެ، ނުރައްކާތެރި ހާދިސާތަކެއް ހިނގާފާނެ ކަމެއް ކަމަށް ވެސް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މިދިޔަ ހަފްތާގައި ވެސް ޑުޓާޓް ވަނީ ޕެޓްރޯލުން މާސްކް ދޮވެގެން ބޭނުން ކުރަން އެދިފައެވެ. ނަމަވެސް ޑުޓާޓް އެހެން ވިދާޅުވިތާ އިރުކޮޅެއް ތެރޭގައި ފިލިޕީންސް ސަރުކާރުގެ އޮފިޝަލުން ވަނީ އެއީ ޑްޓާޓް ސަމާސާއަކަށް ދެއްކެވި ވާހަކަފުޅެއް ކަމަށް ވިދާޅުވެފައެވެ.

އޮފިޝަލުން އެހެން ވިދާޅުވެފައި ވާތީ މިއަދު އަނެއްކާވެސް ޑުޓާޓް ވިދާޅުވީ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ނޫން ކަމަށާއި ޕެޓްރޯލުން މާސްކް ދޮންނަން ހަމަ ހަޤީޤަތުގައި ވެސް އެދޭކަމަށެވެ.

"އަހަރެން ދެއްކި ވާހަކައަކީ ތެދުވާހަކައަށް ގޭސް ސްޓޭޝަނަކަށް ގޮސް ޕެޓްރޯލުން މާސްކް ދޮވެގެން އަލުން ބޭނުން ކުރޭ." ޑުޓާޓް ވިދާޅުވިއެވެ.

ޕެޓްރޯލް ބޭނުން ކޮށްގެން މާސްކް ދޮންނަން ޑުޓާޓް އެދުމުން އެކަމަށް ފާޑުކިޔާ ފަރާތްތަކަށް ވެސް ޑުޓާޓް މިއަދު ވަނީ ރައްދު ދެއްވާފައެވެ. "ފާޑުކިޔާ މީހުން އެބަބުނޭ އަހަރެންނަކީ މޮޔައެކޭ. އަހަރެން މޮޔައަކަށް ވެއްޖެނަމަ އަހަރެންނެއް ނޫން ފިލިޕީންސްގެ ރައީސަކަށް ހުންނާނީކީ. އެމީހުން ރައީސް ކަމުގައި ތިބޭނީ." ޑުޓާޓް ވިދާޅުވިއެވެ.

ޑުޓާޓް ވިދާޅުވީ މާސްކް ދޮންނަން އެންމެ ރަނގަޅު އެއްޗަކީ ބަނގުރާ ކަމަށާއި ނަމަވެސް ފަގީރުންނަށް ފަސޭހައިން ބަނގުރާ ލިބެން ނުހުންނާނެ ކަމަށާއި އެހެންކަމުން އެފަދަ މީހުން މާސްކް ދޮންނަންވީ ޕެޓްރޯލުން ކަމަށެވެ.