އޮސްޓްރޭލިއާއިން ދޫނިރޯގާ ފެނިއްޖެއެވެ.

ދޫނިރޯގާގެ ވައްތަރެއް ކަމަށްވާ އެޗް7އެން7 ފެނިފައިވަނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގައި ހުރި ދޫނި ބިސް އާލާ ކުރާ ދަނޑަކުން ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

އެގައުމުން ދޫނިރޯގާ ފެނިފައިވާއިރު، ވޯލްޑް އޯގަނައިޒޭޝަން ފޯ އަނިމަލް ހެލްތުން ބުނެފައިވަނީ ކެނެޑާގެ ލެތްބްރިޖްގައި ހުންނަ ދަނޑަކުންވެސް 43,000 ދޫނިތަކުގެ ތެރެއިން 21,750 ދޫންޏަށް، ދޫނިރޯގާ ޖެހިފައިވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުން ދޫނިރޯގާ ފެނުމާއި އެކު، ކަމާއި ބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް އަޅައި، އެތަން ކަރަންޓީނު ކޮށްފައެވެ.

ވިކްޓޯރިއާގެ ޗީފް ވެޓެރިނަރީ އޮފިސާ ގްރޭމް ކޫކް ބުނެފައިވަނީ ދޫނިރޯގާ ފެނިފައިވާތީ، ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެތަނުގައި ތިބި ދޫނިތައް ނައްތާލާފައިވާ ކަމަށެވެ.

އެސްޓޭޓްގެ ހެލްތް އެންޑް ހިއުމަން ސާވިސް ޑިޕާޓްމެންޓުން ބުނެފައިވަނީ އެޗް7އެން7 ވައިރަސް އަކީ އާންމުންނަށް ނުރައްކާބޮޑު ވައިރަސްއެއް ނޫން ކަމަށާއި އޭގެ ނުރައްކާ އިންސާނުންނަށް ޖެހޭނީ ދޫނިތަކާއި ވަރަށް ކައިރިވެފައިވާ މީހުންނާއި ސީދާ ދިމާވުމުން ކަމަށެވެ.

އޮސްޓްރޭލިއާއިން ދޫނިރޮގާ ފެނިފައިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލި މަޑުކަމުން އަދި ދުނިޔެ ސަލާމަތްވެފައި ނުވަނީސް އެވެ. އެގައުމުން މިހާތަނަށް މި ބައްޔަށް 17,282 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރެއިން 201 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ކޮވިޑް-19ގެ ބަލި މަޑުކަން ނުނިމެނީސް އެގައުމުން ދޫނިރޯގާ ފެނިފައި ވާތީ، އާންމުންގެ ގިނަ ބަޔަކު ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.