ހޮންކޮންގުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ވަގުތީ ހޮސްޕިޓަލްތަކެއް އަޅަން ނިންމައިފިއެވެ.

"ދި ސައުތް ޗައިނާ މޯނިން ޕޯސްޓް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހޮންކޮންގުން ބަލި ކޮންޓްރޯލް ކުރުމަށް ބޭނުންވާނެ މުހިންމު ފިޔަވަޅެއްގެ ގޮތުން މިހާރު އަންނަނީ އެންމެ މަދުވެގެން ދެ ވަގުތީ ހޮސްޕިޓަލް އެޅުމަށް ވިސްނަމުންނެވެ. އެހެން ރިޕޯޓްތައް ބުނާގޮތުން ނަމަ އެގައުމުގައި ތިން ހޮސްޕިޓަލް އެޅާނެއެވެ.

އެރިޕޯޓްގައި ބުނެފައިވާ ގޮތުން ނަމަ، އެގައުމުގައި އަޅާ ހޮސްޕިޓަލްތަކުގައި، ބަލި މީހުންނަށް ފަރުވާދެވެނޭހެން 2,400 އަށްވުރެ ގިނަ އެނދު ހުންނާނެއެވެ.

އެގައުމުގައި ވަގުތީ ހޮސްޕިޓަލް އެޅުމަށް މިހާރު ހަތް މީހުންގެ ތަޖުރިބާ ކާރުން އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިތުރު 60 މީހަކު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް އެގައުމަށް ދާނެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ ސަރުކާރުން ވަނީ އާންމު ރައްޔިތުންނަށް އެބަލި އެއީ ކުޑަ ބައްޔެއް ގޮތަށް ނުނެގުމަށާއި، ބޭރުގައި އުޅޭއިރު އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބައި މާސްކު އަޅައިގެން އުޅުމަށް އިލްތިމާސް ކޮށްފައެވެ.

ހޮންކޮންގުން މިހާތަނަށް 3,670 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 80 މީހުންނަކީ ފާއިތުވި 24 ގަޑިއިރުތެރޭ ފައްސިވެފައިވާ މީހުންނެވެ. އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 41 މީހަކު ވަނީ މަރުވެފައެވެ.

އެގައުމުން މި ބަލި ޖެހިގެން 2,141 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފައެވެ. އަދި މިހާރު 1,488 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 43 މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.