އިންޑިއާގެ ކެރެލާގައި މިރޭ ހިނގި ނުރައްކާތެރި ފްލައިޓް އެކްސިޑެންޓުގެ ޚަބަރު ގިނަ ބަޔަކަށް ވެގެން ދިޔައީ ބޮޑު ސިހުމަކަށެވެ. ދާދިފަހުން ޕާކިސްތާނުގައި ހިނގި ފްލައިޓް ވެއްޓުމުގެ ހާދިސާއަށްފަހު މިއީ ފަހުގެ ތާރީޚެއްގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓެވެ.

އެއާ އިންޑިއާ އެކްސްޕްރެސްގެ މި ފްލައިޓަކީ ދުބާއީ އިން ދަތުރުކުރި ފްލައިޓެކެވެ. ފްލައިޓް އެކްސިޑެންޓު ހިނގާފައި ވަނީ ދިގު ދަތުރަކަށްފަހު ކެރެލާގެ ކޮޒިކޯޑް (ކެލިކަޓް) އެއާޕޯޓަށް ޖެއްސިފަހުންނެވެ. ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިނގާފައި ވަނީ ވިއްސާރައިގައި ބޯ ވާރޭވެހެމުން ދަނިކޮށް ރަންވޭގައި ފްލައިޓު ޖެއްސި ވަގުތު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހުމުންނެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުން ފްލައިޓް އެކްސިޑެންޓު ހިނގާފައި ވަނީ ފުރަތަމަ ފަހަރަށް އެއާޕޯޓުގައި ޖައްސަން އުޅުމުން އެކަން ނާކާމިޔާބުވެ، ދެވަނަ ފަހަރަށް ޖެއްސި ވަގުތު އެވެ. އޭރު އެއާޕޯޓް ހުންނަ ސަރަޙައްދަށް ވަރަށް ބޯކޮށް ވާރޭވެހެމުންދިޔަ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ރޭ އިންޑިއާ ގަޑިން 7:41 ހާއިރު މި ހާދިސާ ހިނގި އެއާޕޯޓް ހުންނަ ސަރަޙައްދަކީ އާންމުންވެސް ދިރިއުޅޭ ސަރަޙައްދެކެވެ. އެހެންކަމުން ހާދިސާގެ މަންޒަރު ގިނަ ބަޔަކަށް ވަނީ ފެނިފައެވެ.

ނޫސްތަކަށް މަޢުލޫމާތުދިން އާންމު މީހަކު ބުނެފައިވާ ގޮތުން ގޭގައި ހުއްޓައި، މި ހާދިސާ ހިނގި ވަގުތު ބާރު އަޑުފަތްގަނޑެއް އިވިގެން އޭނާ ނިކުތް ވަގުތު ފްލައިޓްގެ ބޮޑުބައެއް އޮތީ ފުނޑުފުނޑުވެފައެވެ. އަދި އެއާޕޯޓުގެ ފާރު ފޫއަޅުވާލައި ފްލައިޓުގެ ކުރީކޮޅުން ބައެއް އޭރު ފެންނާން އޮތްކަމަށް އޭނާ ބުނެފައި ވެއެވެ.

"އަހަރެމެންގެ ގެ ހުންނަނީ މި ފާރާއި ގާތްގަނޑަކަށް 20 ވަރަކަށް މީޓަރު ދުރުގައި. ކުއްލިއަކަށް އެ ގަދަ އަޑުފަތްގަނޑު އިވުމުން އަހަރެން ބޭރަށް ނިކުތްއިރު މުޅި ސަރަޙައްދުގައި އޮތީ ދުން. ފްލައިޓު ގޮސް ފާރުގައި ޖެހުމުން އޭގެ ބޮޑު ބައެއް އޮތީ ކުދިކުދިވެފައި. އެއީ ވަރަށް ބިރުވެރި މަންޒަރެއް،" އޭނާ ބުންޏެވެ.

އޭނާ ބުނެފައިވާ ގޮތުން ހާދިސާ ހިނގި ވަގުތު އެންމެ ފުރަތަމަ އެ ސަރަޙައްދުގައި ތިބީ އޭނާ އާއި އެ ސަރަޙައްދުގައި ދިރިއުޅޭ އާންމުން ކަމަށެވެ. އެއާއެކު ފްލައިޓުގައި ތިބި މީހުންނަށް އެހީވުމަށްޓަކައި އެއާޕޯޓަށް ވަންނަން މަސައްކަތް ކުރުމުން، ގޭޓު ބަންދުކޮށްފައި ހުރުމުން އެކަން ކާމިޔާބު ނުވީ ކަމަށް އޭނާ ބުންޏެވެ.

"ފަހުން އެމްބިއުލާންސެއް އެ ސަރަޙައްދަށް އައިސް އޭގައި ތިބި ބަޔަކު އަހަރެމެންގެ އެހީއަށް އެދުނު. އެއާއެކު އަވަހަށް ގޮސް މީހުން ސަލާމަތްކުރުމުގައި ބައިވެރިވިން،" އޭނާ ބުންޏެވެ.

އޭނާ ބުނެފައިވާ ގޮތުން އެންމެ ފުރަތަމަ ބެލީ ފްލައިޓުގައި ތިބި ކުޑަކުދިން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ހާދިސާގައި އަނިޔާވެ ލެއިން ތަތްތެޅިފައި ތިބި އިތުރު ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިވެދިނުމުގައި އާންމުން ބައިވެރިވި ކަމަށް އޭނާ ބުންޏެވެ.

ނޫސްތައް ބުނާގޮތުން މި ހާދިސާ ހިނގި ވަގުތު ފްލައިޓުގައި 184 ފަސެންޖަރަކު ތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 128 ފިރިހެނުންނާއި 46 އަންހެނަކާއި ދިހަ ކުޑަކުދިންނެވެ. އަދި އެ ފްލައިޓުން ޓިކެޓް ނެގުމަށްފަހު، ދަތުރު ނުކުރާ ފަސް މީހަކުވެސް ތިބި ކަމަށް ވެއެވެ.

މި ހާދިސާގައި 123 މީހަކަށް އެކި ވަރުގެ އަނިޔާވެގެން ފަރުވާދެމުން އަންނައިރު މިހާތަނަށް، ފްލައިޓުގެ ޕައިލެޓު ހިމެނޭހެން 17 މީހަކު މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އަދި 13 މީހަކަށް ފަރުވަދެނީ ސީރިއަސް ހާލުގައި ކަމަށާއި، އޭގެރެރޭގައި ކުޑަކުއްޖަކާއި އޭނާގެ މަންމަ ހިމެނޭ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މިރޭގެ ހާދިސާގައި ބޮޑަށް އަނިޔާވެފައި ވަނީ ފްލައިޓުގެ ކުރީ ސީޓުތަކުގައި ތިބި މީހުންނަށް ކަމަށް އޮފިޝަލުން ބުނެއެވެ. ހާދިސާގައި އެކްސިޑެންޓުވި ފްލައިޓް ވަނީ ފަސެންޖަރުން ތިބޭ ސިޓުތަކާއި ދިމާލުން ދެބުރިއަށް ބުރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިޔާމް

    "އަދި އެ ފްލައިޓުން ޓިކެޓް ނެގުމަށްފަހު، ދަތުރު ނުކުރާ ފަސް މީހަކުވެސް ތިބި ކަމަށް ވެއެވެ." ކީކޭ މި ކިޔަނީ؟؟؟