ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ މިއަދު ހެނދުނު ކުރައްވައިފިއެވެ.

މަހިންދްރަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ވެރިރަށް ކޮލަމްބޯގައި ހުންނަ ކެލަނިޔާ ރަޖަމަހާ ވިހަރާ ފައްޅީގައެވެ. މަހިންދްރަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކޮއްކޯފުޅު އަދި ސްރީލަންކާގެ ރައީސް ގޮތަޔަބާ ރާޖަޕަކްސަ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކުގައި މިފަދަ ރަސްމިއްޔާތުތައް މިހާރު ނުބޭއްވި ނަމަވެސް މަހިންދްރަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ވަރަށް ގިނަ ބަޔަކު ބައިވެރިވެސް ކޮށްގެންނެވެ. ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން މާސްކް އަޅުއްވައިގެން ތިއްބެވި ނަމަވެސް މަހިންދްރަ އާއި ގޮތަބަޔާ ތިއްބެވީ މާސްކް ވެސް އަޅުއްވައިގެންނެއް ނޫނެވެ.

މިމަހުގެ 05 ވަނަ ދުވަހު ސްރީލަންކާގައި އޮތް އާއްމު އިންތިޚާބު ވެރިކަންކުރާ އެސްއެލްޕީޕީ އިން ކާމިޔާބު ކުރީ ވަރަށް ބޮޑު ތަފާތަކުންނެވެ. އެޕާޓީން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 255 ގޮނޑީގެ ތެރެއިން 145 ގޮނޑި ކާމިޔާބު ކޮށްފައެވެ.

މަހިންދްރަ މިއަދު ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވިއިރު މިއީ އޭނާ ބޮޑުވަޒީރު ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. މަހިންދްރަ ފުރަތަމަ ބޮޑުވަޒީރު ކަން ކުރެއްވީ 2004 ވަނަ އަހަރުން 2005 ވަނަ އަހަރަށެވެ. އޭގެ ފަހުން 2005 ވަނަ އަހަރުން 2015 ވަނަ އަހަރަށް ރައީސް ކަން ކުރެއްވެވިއެވެ. އަނެއްކާ ވެސް 2018 ވަނަ އަހަރުން 2019 ވަނަ އަހަރު ކުރީކޮޅާއި ހަމައަށް ބޮޑުވަޒީރުކަން ކުރެއްވެވިއެވެ. އަދި 2019 ވަނަ އަހަރު ވެރިކަން ބަދަލު ވުމުން އަނެއްކާވެސް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވިއެވެ.

މަހިންދްރަ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާތާ މިއަހަރުގެ ޖުލައި މަހަށް ވަނީ 50 އަހަރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަބޭ2020

    ތަރައްޤީވާންބޭނުންވާރައިއްޔަތުން އަވަށްޓެރި ކެހިވެރިޔާގެނިިވަލުންނެރި ތަރައްޤީގެބާނީއާއި ޤައުމުޙަވާލުކޮށްފި މަރުޙަބާ މަރުޙަބާރައިއްޔަތުން ކެހިވެރިންދަސްކޮށް ތަރައްޤީއަށް އެދުނުއެންމެނަށް ފަށްފަށުންޝުކުރިއްޔާ?????❤

    18
  2. ބުއްޅަބޭ

    އިންޑިޔާ ރާކަނިމަސްކެވިފަ އެއޮތީ!

    21