ސްރީލަންކާގެ ބޮޑުވަޒީރު ކަމުން މިއަދު އިސްތިއުފާ ދެއްވި މަހިންދްރަ ރާޖަޕަކްސަގެ ގެއެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްރީލަންކާގެ ކުރުނާގަލަ ސަރަހައްދުގައި ހުންނަ މަހިންދްރަ ރާޖަޕަކްސަގެ ގެއެއްގައި އިދިކޮޅު ސަޕޯޓަރުން މިރޭ ވަނީ އަލިފާން ރޯކޮށްލާފައެވެ. އަލިފާން ރޯކޮށްލުމުގެ ސަބަބުން ގެ ވަނީ މިހާރު ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

ރާޖަޕަކްސަގެ ގެއެއްގައި އަލިފާން ރޯކޮށްލިއިރު ރާޖަޕަކްސަ ވެސް އަދި އާއިލާގެ އެއްވެސް މެންބަރަކު ވެސް އެގޭގައި ނޫޅެއެވެ. އަލިފާން ރޯކޮށްލި ގެއެއަކީ ރާޖަޕަކްސަ ވެރިރަށް ކޮލަމްބޯ އަށް ޒިޔާރަތް ކުރައްވާ ދުވަސްވަރު މަޑުކުރައްވާ ގެއެކެވެ. އާއްމުކޮށް އެގޭގައި އޭނާ ދިރިއެއް ނޫޅުއްވައެވެ.

ރާޖަޕަކްސަ އާއްމުކޮށް ދިރިއުޅުއްވަނީ ހަންބަންޓޮޓާ ސަރަހައްދުގައެވެ. އެސަރަހައްދުގައި އޭނާގެ ދެގެއެއް ހުރެއެވެ.

މިއަދު ރާޖަޕަކްސަ ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ މީހުން ހަމަނުޖެހުން ހިންގަން ފެށިތާ އިރުކޮޅެއް ފަހުންނެވެ. އޭގެ ފަހުން ސްރީލަންކާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް ވަޒީރުންގެ ގެތަކާއި އެމީހުންނާއި ގުޅުން ހުންނަ ބައެއް ވިޔަފާރި އިމާރާތްތަކުގައި ވެސް ހުޅު ޖަހާފައެވެ.

ރާޖަޕަކްސަގެ ގެއެއްގައި އަލިފާން ރޯކޮށްލާފައި ވާއިރު ރާޖަޕަކްސަގެ އާއިލާ މިހާރު ތިއްބެވި ތަނެއް އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ރާޖަޕަކްސަ އާއިލާ މެންބަރުން ގައުމު ދޫކޮށް ފުރުން މަނާ ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އެފަދަ ފިޔަވަޅެއް އަދި އެގައުމުގެ އެއްވެސް އިދާރާއަކުން އެޅިކަމެއް އިއުލާން ކޮށްފައެއް ނެތެވެ.

ރާޖަޕަކްސަ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އަދިވެސް ސްރީލަންކާގެ ރައީސް ކަމުގައި ހުންނެވީ އޭނާގެ ކޮއްކޮ ގޮޓަބަޔާ ރާޖަޕަކްސައެވެ. ގޮޓަބަޔާ ގެންދަވަނީ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ.