ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަަހިންދްރަ ރާޖަޕަކްސަ މަގާމުން ދުރުކުރަން އެގައުމުގެ އިދިކޮޅު ފަރާތްތަކުން ގާނޫނު ހަދާ މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދޭސަ އިސްވެ ހުންނަވައިގެން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އާއި ގުޅޭ ލިޔުންތައް ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި މިހާރު ހަވާލު ކޮށްފައެވެ.

ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅި އެއްމައްސަލަ އަކީ ސަރުކާރަށް އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. އެއީ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ އާއި އޭނާގެ ވަޒީރުން މަގާމުން ދުރުކުރުމުގެ މައްސަލަ އެވެ. ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ތާއީދު ލިބިއްޖެނަމަ އެހުށަހެޅުން ފާސް ވާނެއެވެ. މިހާރު ސްރީލަންކާގެ ހާލަތު އޮތް ގޮތައް ބަލާއިރު އެހުށަހެޅުން ފާސްވުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދެން ހުށަހެޅީ ރައީސް ގޮޔަބަޔާ ރާޖަޕަކްސަ ރައީސް ކަމުގެ މަގާމުން ދުރުކުރުމުގެ މައްސަލަ އެވެ. އެހުށަހެޅުން ފާސް ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ 2/3 މެންބަރުންގެ ތާއީދު ބޭނުން ވާނެއެވެ. އަދިވެސް ރާޖަޕަކްސަ ޕާޓީގެ ގިނަ މެންބަރުންތަކެއް ސަރުކާރާއި އެކު ތިބުމުން މިހުށަހެޅުން ފާސް ވެދާނެ ކަމަކަށް ނުބެލެވެއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ތަދުމަޑުކަމުގެ ސަބަބުން ރައީސް ގޮތަބަޔާ އާއި ބޮޑުވަޒީރު މަހިންދްރަ އަށް ވަނީ ސިޔާސީ ޕްރެޝަރު ބޮޑުވެފައެވެ. ނަމަވެސް ދެބޭފުޅުން ވެސް ގެންދަވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ސިޔާސީ ޕްރެޝަރު ބޮޑުވުމުން މަހިންދްރަ ވަނީ އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުމާއިއެކު ކެބިނެޓް އަލުން އެކުލަވާލަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުމެއް އެކަމަކަށް ނުލިބުނެވެ.