ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރަކަށް ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ މިއަދު އައްޔަން ކޮށްފިއެވެ. އުމުރުފުޅުން 34 އަހަރުގެ ނަމާލް ޔޫތު މިނިސްޓަރު ކަމަށް އައްޔަން ކުރުމުން އޭނާ ވެފައި ވަނީ ސްރީލަންކާގެ ތާރީޚްގައި ޔޫތު މިނިސްޓަރުކަން ކުރާ އެންމެ ޒުވާން ބޭފުޅާއަށެވެ.

2010 ވަނަ އަހަރުން ފެށިގެން ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ނަމާލް އެންމެ ފަހުން ބޭއްވި އާއްމު އިންތިޚާބުގައި ހަމްބަންޓޮޓާގެ ގޮނޑި ދިފާޢު ކުރެއްވީ ސްރީލަންކާގެ ތާރީޚްގައި ކެންޑިޑޭޓަކު އިންތިޚާބެއް ކާމިޔާބުކުރި އެންމެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

ޒުވާނުންނާއި، ސްރީލަންކާގެ ކުޅިވަރު ޝަހްސިއްޔަތުންނާއި އެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ނަމާލް އަކީ މޮޅު ރަގުބީ ކުޅުންތެރިއެކެވެ. މައުންޓް ލެވޭނިއާގެ އެސްޓީ ޓޯމަސް ކޮލެޖުން ތައުލީމް ހާސިލް ކުރެއްވި ނަމާލް ވަނީ ސްރީލަންކާގެ ރަގްބީ ޓީމްގެ ކެޕްޓަން ކަން ވެސް ކުރައްވާފައެވެ.

ސްރީލަންކާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސްގެ ސިޔާސީ ތަޖުރިބާ އާއި އެކު ނަމާލް ތައްޔާރުވަމުން ގެންދަވަނީ ސްރީލަންކާގެ ވެރިކަމަށް ކަމަށާއި، އޭނާ އަށް ވެރިކަން ލިބޭނެ ވަރުގެ ތަޖުރިބާތައް މިހާރުވެސް ރާޖަޕަކްސަ ގެންދަވަނީ ހޯއްދަވައި ދެއްވަވަމުން ކަމަށް ސްރީލަންކާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރާޖަޕަކްސައަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނެތުމުން ނަމާލް ރިޔާސީ އިންތިޚާބަށް ނެރެން ވަރަށް ގިނަ ބަޔަކު އެދުނެވެ. ނަމަވެސް ރާޖަޕަކްސަ ވިދާޅުވީ ވެރިކަން ކުރެވޭވަރުގެ ތަޖުރިބާއެއް ނަމާލްގެ ކިބައިގައި އަދި ނެތް ކަމަށެވެ. އެހެންވެ ރާޖަޕަކްސަގެ ފަރާތުން އިންތިޚާބަށް ނިކުންނެވީ ކޮއްކޮ ގޮތަބަޔާއެވެ.