ސްރީލަންކާގައި ބާރުގަދަ ރާޖަޕަކްސަގެ އާއިލާ މެންބަރުން ހިއްސާވާ ކުންފުންޏަކުން މާކެޓް ރޭޓަށް ވުރެ ބޮޑު އަގުގައި ސްރީލަންކާ ސަރުކާރަށް ތެޔޮ ވިއްކަމުން ގެންދާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްރީލަންކާ ސަރުކާރަށް ތެޔޮ ވިއްކަމުން ގެންދަނީ އޭއެލްބީޖީ ނަމަކަށް ކިޔާ ދޯހާގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކުންނެވެ. އެކުންފުނީގެ ހިއްސާދާރުންގެ މައުލޫމާތު ކަށަވަރެއް ނުވެއެވެ. ނަމަވެސް އެކުންފުނީގެ ފައިނޭޝިއަލް ޑިރެކްޓަރަކީ ނަމަލް ރާޖަޕަކްސަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަލް އަކީ މަހިންދްރަ ރާޖަޕަކްސަގެ ދަރިފުޅެވެ. މިދިޔަ މެއި މަހުގެ 09 ވަނަ ދުވަހާއި ހަމައަށް ނަމަލް އަކީ ސްރީލަންކާގެ ޔޫތު މިނިސްޓަރެވެ.

ބޭރު ފައިސާ ލިބުމުގައި ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ އެގައުމުން މިހާރު ވަނީ ތެލަށް ކުރީބައިގައި ފައިސާ ދެއްކުން ހުއްޓާލާފައެވެ. މިހާރު ސްރީލަންކާ ސަރުކާރުން ތެލަށް ފައިސާ ދައްކަނީ ތެޔޮ ޝިޕްމަންޓް ސްރީލަންކާގެ ބަނދަރަށް އައުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރާޖަޕަކްސަގެ އާއިލާ ކުންފުނިން ސްރީލަންކާ ސަރުކާރަށް ތެޔޮ ވިއްކަމުން ގެންދަނީ ތެޔޮ ފީފާއެއް މާކެޓްގައި ލިބެން ހުރި ވަރަށް ވުރެ ހަޑޮލަރު ބޮޑުކޮށެވެ. ސްރީލަންކާއަށް ބޭރު ފައިސާގެ ދަތިކަން މިހައި ބޮޑުވެފައި ވަނިކޮށް މާކެޓް ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ސަރުކާރުން ގަންނަމުން ގެންދާ މައްސަލައިގައި ކުރިމަތިވަމުން އަންނަ ސުވާލުތަކަށް ސްރީލަންކާ ސަރުކާރުން އަދި ސާފު ޖަވާބެއް ނުދެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރާޖަޕަކްސަ އާއިލާގެ ކުންފުންޏަށް ތެޔޮ ގަތުމަށް ސްރީލަންކާ ސަރުކާރުން ވަނީ ދާދިފަހުން ވެސް 42.5 މިލިއަން ޑޮލަރު ދައްކާފައެވެ.

ދޯހާގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނީގައި ހިއްސާއެއް އޮތްކަމަށް ދެކެވޭ ވާހަކަތައް ނަމަލް ވަނީ ދޮގުކޮށްފައެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއީ އޭނާގެ ނަން ކިޔާ އެހެން މީހެއްގެ ބައިވެރިވުން އޮތް ކުންފުންޏެކެވެ. ނަމަވެސް ކުންފުނީގެ ވެބްސައިޓްގައި ނަމަލްގެ ފޮޓޯ ވެސް އެބަހުއްޓެވެ.

ރާޖަޕަކްސަ އާއިލާގެ ވިޔަފާރިތައް ދުނިޔޭގެ އެކި ގައުމުތަކުގައި އޮންނަ ކަމަށް އަބަދުވެސް ވާހަކަދެކެވެއެވެ. ނަމަވެސް ވިޔަފާރިތައް ރަޖިސްޓްރީ ކޮށްފައި ހުންނަނީ އެހެން މީހުންގެ ނަމުގައާއި އަދި ކުންފުނިތަކުގެ ހިއްސާދާރުންގެ މައުލޫމާތު ހާމަނުވާ ގޮތައް ކަމަށް ވާތީ ރާޖަޕަކްސަ އާއިލާގެ ވިޔަފާރިތަކާއި ގުޅޭ މައުލޫމާތެއް މަދުފަހަރަކު ނޫނީ ކަށަވަރެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބުދުﷲ

    ތިއެއްމެންގެ ވައްތަރު. ތިމީހުންނާ ތިމީހުން ވަގައްނެގި މުދާ ދައުލަތައްނަގަންޖެހޭނެ. އެމުދާ ދަރިފަސްކޮޅައް ދެމިގެން ދިއުމަކީ ހަރާމްކަމެއް.

    5
    1
  2. ހާމިދު

    މިހާރު އެސްޓީއޯގެ ހާލު މާ ބޮޑު. ވެރިކަން ވެއްޓުނީމާ ހުސެން އަމްރުގެ ވައްކަން ފަޅާ އަރުވާލާނަށް އިނގޭ ބަލަން ތިބޭ ކޮންމެ މަހަކު ތެލުން ނަގަމުންދާ ކަޓް ފެންނާނެ

    9
    1
  3. އަބުދުﷲ

    ވައްކަމަކީ ސިޔާސީސިސްޓަމް އޮތްގޮތުން ވާކަމެއް މިސިސްޓަމް ބަދަލުނުކޮއް ވެރިކަން ބަދަލު ކުރުމުގެ ބޭނުމެއް ނޯންނާނެ . މާނައަކީ ލިބުނުގޮތް ކިޔާނުދެވޭ މުދާ ދައުލަތައްނެގޭނެ ގޮތެއް ނެތި ވައްކަން ފަޅާއެރުވިޔަސް ވާނެފައިދާއެއް ނޯންނާނޭ.

  4. ސެންޗޯ

    މި ވެރިކަމުގެ ސިސްޓަމް މިތަނަށް ގެނައީ ރަތްޔިތުންގެ ވޯޓަކަށް ނުގޮސް މައުމޫނު ދެން ކުރާނެ ކަމެއްނެތް އިނގޭ ކަމަކީ ވަގުންފޮށި ބާރަށް ބަންނާނެ ކަން

  5. ހަލަމްގަން

    ވެރިކަން ލިބިފައި އޮންނައިރު ހަމަ ވައްކަންކުރެވުނުވަރަކަށް ގައުމުން ވައްކަން ކުރަންވީ ވައްކަންކޮށްގެން މިދުނިޔޭގަ އެއްވެސް ފިޔަވަޅެއް ނާޅާ ވަރަށް އުފަލުގަ އުޅެލެވޭ ލަންކާއިންވެސް ދިވެހިރާއްޖޭންވެސް ފެންނަނީ ހަމަ އެއްމަންޒަރެއް އެކައުންޓުގަ މިލިއަން ޑޮލަރު ހުއްޓަސް ހަމަ އޯކޭ