ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް އައުމުގެ މަސައްކަތް އަނެއްކާވެސް މަހިންދްރަ ރާޖަޕަކްސަ ފަށައިފިއެވެ.

ސްރީލަންކާ ޕޮދުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ލީޑަރު ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމުގެ މަސައްކަތްތަކެއް މިހާރު ސަރުކާރުގެ ތެރޭގައި ތިބި ފަރާތްތަކުން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެސްއެލްޕީޕީން ވަކިވި މީހުން ބުނީ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސާ އައްޔަން ކުރުމަށް ތާއީދު ހޯދުމަށް އެމީހުންނާއި ވެސް ބައެއް ސީނިއާ މެންބަރުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އެސްއެލްޕީޕީން ބޭނުންވަނީ މިހާރުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ މަގާމުން އިސްތިއުފާ ދޭށެވެ. އޭނާ އަކީ ވެސް އެސްއެލްޕީޕީގެ މެންބަރެކެވެ.

ބޮޑުވަޒީރުގެ މަގާމަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން އެސްއެލްޕީޕީގެ އެތެރޭގައި އޮތީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

އެސްއެލްޕީޕީގެ މެމްބަރުންގެ ގްރޫޕެއްގެ ތެރޭގައި ހިމެނޭ މެމްބަރު ޗަންނާ ޖަޔަސުމާނާ ވިދާޅުވީ ރާޖަޕަކްސާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަށް ތާއީދު ނުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ރައީސް އަދި ބޮޑުވަޒީރުކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަ ސިޔާސީ ދާއިރާއިން ރިޓަޔާ ކުރައްވަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހު މަހިންދަ ރާޖަޕަކްސަ ވަނީ ލަންކާގެ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައެވެ. ރާޖަޕަކްސަ އެފަހަރު އިސްތިއުފާ ދެއްވީ އޭރު ލަންކާގެ އިގުތިސޯދީ ކާރިސާއާ ގުޅިގެން ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުންތައް ބޮޑުވެފައި ވަނިކޮށެވެ.

އޭގެ ފަހުން ބޮޑު ވަޒީރަކަށް އައްޔަން ކުރީ ލަންކާގެ އެންމެ ގިނައިން ބޮޑު ވަޒީރު ކަން ކުރި ރަނިލް ވިކްރެމަސިންހަ އެވެ. އަދި ފަހުން ރަނިލް ވަނީ ރައީސް ކަމާއި ހަވާލުވެ ވަޑައިގެންފައެވެ.

އެންމެ ފުރަތަމަ ރަނިލް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައި ވަނީ 1993 އިން 1994 އަށެވެ. އޭގެ ފަހުން 2001 އިން 2004 އަށްވެސް ބޮޑުވަޒީރުކުރަން ކުރައްވާފައިވާއިރު، ރަނިލް ތިން ވަނަ ފަހަރަށް ބޮޑުވަޒީރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރު، އެންމެ 100 ދުވަހަށެވެ. އޭގެ ފަހުން 2018 އިން 2019 އަށްވެސް ރަނިލް ބޮޑުވަޒީރުކުރަން ކުރައްވިއެވެ.

ރަނިލް އެންމެ ފަހުން ވެރިކަމަށް ވަޑައިގެންނެވީ ރާޖަޕަކްސަގެ އެހީތެރިކަމާއިއެކުގައި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަމުން ދާތީ ރަނިލް އާއި ރާޖަޕަކްސަގެ ދެމެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    އެނޫނީ ބޮޑުވަޒީރު ކަން ކުރެވޭވަރު މީހަކު ތިއޮތްބޮޑު ލަންކާގައި ނެތީތަ؟ އެހެންވެޔޭ މިބުނަނީ ތިޔައީ ސިޔާސީކުޅިއޭ.

  2. ބގ

    އަނެއްކާވެސް ގައުމު ދަވާލަން ތިއުޅެނީ