ސްރީލަންކާގައި މިއަދު އިންތިހާބެއް ބޭއްވިނަމަވެސް ވެރިކަމަށް އެނބުރި ވަޑައިގަންނަވާނަން ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ރާޖަޕަކްސަ މިހެން ވިދާޅުވިއިރު ސްރީލަންކާއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ އަވަސް އިންތިހާބެއް ބޭއްވުން ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ރާޖަޕަކްސަ އާއި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވާ ގޮތުގައި އާއިންތިހާބެއް ބާއްވައިގެން ކުރެވޭނެ ވަކިއާކަމެއް ނެތެވެ.

ސިޔާސީ އެއްވުމުގައި ވާހަކަދައްކަވަމުން ރާޖަޕަކްސަ ވިދާޅުވީ ސްރީލަންކާގައި އިންތިހާބެއް ބޭއްވުމަކީ އޭނާ ޖެހިލުންވާ ކަމެއް ނޫން ކަމަށެވެ. ރާޖަޕަކްސަ ވިދާޅުވީ އަދިވެސް ސްރީލަންކާގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީއަކީ އޭނާ ލީޑަރުކަން ކުރައްވާ އެސްއެލްޕީޕީއެވެ. އިންތިހާބެއްގައި އެޕާޓީ ބަލިކުރެވޭނެ އެހެން ޕާޓީއެއް ނެތްކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

"މިކަމުގެ ކަންކަން ހިނގާގޮތް އަހަރެމެންނަށް އެނގޭ. މިއަދު އިންތިހާބެއް ބޭއްވިނަމަވެސް، އާއްމު އިންތިހާބެއް ބޭއްވި ނަމަވެސް އެއިންތިހާބެއް އަހަރެމެން ކާމިޔާބު ކުރާނަން." ރާޖަޕަކްސަ ވިދާޅުވިއެވެ.

ރާޖަޕަކްސަ އަކީ ސްރީލަންކާގައި އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ލީޑަރެވެ. ނަމަވެސް 2019 ވަނަ އަހަރު ކޮއްކޮ ގޮތަބަޔާ ރައީސް ކަމަށް އަދި ރާޖަޕަކްސަ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން ސްރީލަންކާގެ އިގުތިސޯދީ ހާލަތު ދަށްވެ، ރާޖަޕަކްސަގެ އާއިލާއަށް އޮތް ތާއީދު ވަނީ ދަށަށް ގޮސްފައެވެ.

އިއްޔެގެ ބައްދަލުވުމުގައި ރާޖަޕަކްސަ ވިދާޅުވީ ފާއިތުވިތަނުގައި ގޯސްތަކެއް ހެދިފައި ހުރިކަމަށް އޭނާ ވެސް ގަބޫލު ކުރައްވާ ކަމަށެވެ. "ކޮންމެ މީހަކަށް ވެސް ގޯސްތައް ހެދޭނެ. އަހަރެމެންނަށް ވެސް އެބަހުރި ގޯސްތަކެއް ހެދިފައި. ގޯސްތަކެއް ހެދުމުން ދެން ކުރެވެން އޮންނާނެ ކަމަކީ އެގޯސްތައް ރަނގަޅު ކުރުން." ރާޖަޕަކްސަ ވިދާޅުވިއެވެ.

ސްރީލަންކާގައި އޮތް ސިޔާސީ ހަލަބޮލިކަން ނައްތާލުމަށް ގުޅިފައި އޮތް ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ރައީސް ރަނިލް އަންނަނީ ކުރައްވަމުންނެވެ. ނަމަވެސް އެމަޝްވަރާތަކުން ވެސް އަދި އަލިމަގެއް ނުފެނެއެވެ. އިދިކޮޅު ފަރާތްތަކުގެ ހަމައެކަނި ޑިމާންޑަކީ އަވަސް އިންތިހާބެއް ބޭއްވުމެވެ.