އުތުރު ކޮރެއާ އާއި ޗައިނާ ގުޅޭ ބޯޑަރު ކައިރީ އޮންނަ ސިޓީއަކުން މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ވަރަށް ގިނަ ސިޓީތައް ފުރަބަންދު ކޮށްފައި ބޭއްވުމަށް ފަހު ފުރަބަންދު އުވާލައިފިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ އިއްޔެ ޕާޓީގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާ ގައުމުގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެމަޝްވަރާތަކަށް ފަހު ނިންމާފައި ވަނީ ފުރަބަންދު އުވާލުމަށެވެ. ނަމަވެސް ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށާއި އަދި ބޭރުގެ ގައުމުތަކުން ފޯރުކޮށްދޭ އެހީތައް ބަލައި ނުގަންނަން ވެސް ބައްދަލުވުމުގައި ނިންމިއެވެ.

ދާދިފަހުން އުތުރު ކޮރެއާ އަށް ކުރި ވިއްސާރައިގައި ގިނަ އަދަދެއްގެ ގެތަކަށާއި، މަގުތަކާއި ބުރިޖުތަކަށް ގެއްލުން ވެފައި ވުމުން އެތަންތަން އަލުން އިމާރާތްތަކުން ބައެއް ގައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެފަދަ އެހީއެއް ވެސް ބޭނުން ނުކުރަން ބައްދަލުވުމުގައި ނިންމިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ބުނީ އުތުރު ކޮރެއާގެ ބޮޑުވަޒީރު ކަމަށް ކިމް ޖައީ ޔޮންގް އިއްޔެ ވަނީ އައްޔަން ކޮށްފައެވެ.

ބޭރުގެ އެހީތައް ބަލައި ނުގަންނަން ނިންމި ނިންމުމާއި ގުޅޭ ގޮތުން އުތުރު ކޮރެއާ ސަރުކާރުން ބުނީ ގައުމުގެ ދާހިލީ ކަންކަން ކުރާނީ އަމިއްލައަށް ކަމަށާއި ދާހިލީ ކަންކަން އެހެން ގައުމުތަކަށް ބަރޯސާ ނުވެ ކުރެވިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ ކިބައިން ފެންނަ ފަދަ އަލާމާތްތަކެއް ހުރި މީހަކު އުތުރު ކޮރެއާ އިން ފެނުމުން އެގައުމު ފުރަބަންދު ކުރީ ޖުލައި މަހުގެ ފަހުކޮޅުއެވެ.

ޗައިނާ އާއި ބޯޑަރު ހިއްސާކުރާ އުތުރު ކޮރެއާ އިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސި ނުވާތީ ބައެއް ފަރާތްތަކުން ގެންދަނީ އެގައުމުން މައުލޫމާތު ސިއްރު ކުރާކަމުގެ ތުހުމަތު ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެެނސަން

    ގަދަ

  2. ހަހުރަ

    ފެށުނީއްސުރެ އަދާ ޖެހެންދެންވެސް ޗައިނާގެ ކަރުގަ އެލިގަނެގެން އޮންނަ ބަޔަކު ދެން ކޮން ބޭރުގެ އެހީއެއް ބޭނުންވާނީ؟؟؟ އަމިއްލަ އެދުމާއިގެން ފޯވެފަ ހުރި ޖައްބާރަކާއި އޭނާގެ އައުވާނުން ދެން ކޮން ޢުމްރާނީ ތަރައްޤީއެއް ކޮށްދެވޭނީ؟؟