ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ތުރުކީން ފައްސިވީ މީހުންގެ އަދަދު ތިންލައްކައަށް އަރައިފިއެވެ.

ތުރުކީން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިންލައްކައަށް އަރާފައި މިވަނީ އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު އަލަށް އެޤައުމުން ފައްސިވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 ގެ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ތުރުކީން އިއްޔެ އެކަނިވެސް އިތުރު 1538 މީހަކު ފައްސިވެފައިވެއެވެ. މިއާއެކު އެޤައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 301,348 އަށް އަރާފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ތުރުކީއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި ބަލީގައި އެޤައުމުން މަރުވާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އިތުރު 68 މީހަކު ހިމެނޭހެން މިހާތަނަށް އެޤައުމުން ޖުމްލަ 7445 މީހަކު މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ތުރުކީން ކޮވިޑް-19 ގެ ވޭދަނައެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ބަލީގެ ނުރައްކާ އެންމެ ބޮޑުވީ މާރިޗު މަހާއި މޭއި މަހާއި ދެމެދުއެވެ. އެއަށްފަހު މިދިޔަ ޖުލައި މަހާއި ހަމައަށް އެޤައުމުގައި ބަލި ފެތުރޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަށްފަހު އަނެއްކާވެސް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ތުރުކީން މިދިޔަ މާރިޗު 26 ވަނަ ދުވަހުން ފެށިގެން އިއްޔެ އާއި ހަމައަށް ނެރެފައިވާ ތަފާސް ހިސާބުތަކުން ހާމަވާގޮތުން، އެ ދުވަހުން ފެށިގެން މިހާތަނަށް ކޮންމެ ދުވަހެއްގައިވެސް އެޤައުމުން 700 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު ތުރުކީން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 266,117 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އޭގެތެރޭގައި އިއްޔެ ރަނގަޅުވީ ކަމަށް ރެކޯޑް ކުރެވުނު 1,312 މީހަކުވެސް ހިމެނެއެވެ. އެހެންކަމުން މިވަގުތު އެޤައުމުގައި 27,786 މީހަކަށް ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 1400 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.