ގުދުސްގެ މައްސަލައަކީ އިސްލާމީ އުންމަތަށް ކުރިމަތިވި އިމްތިހާނެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އޯއައިސީ ސަމިޓް ހުޅުއްވައި ދެއްވުމުގެ ގޮތުން ކުރެއްވި ތަގްރީރުގައި ތުރުކީގެ ރައީސް އުރުދުޣާންވަނީ، އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނު، ނާޒީން ޔަހޫދީންނާމެދު އަމަލުކުރިގޮތާ އެއްފަދަ ކުރައްވާފައެވެ.

" އިސްރާއީލުން ފަލަސްތީނު މީހުންނާމެދުވެސް އަމަލުކުރަނީ ހަމަ އެފަދަ އުސޫލަކުން" އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީގެ ރައީސް ވަނީ، އެތެރޭގެ ޚިޔާލުތަފާތުވުންތައް ނައްތާނުލެވި، އުންމަތަށް ދިމާވާ ބޮޑެތި މައްސަލަތަކުގައި އިސްލާމީ ގައުމުތަކުން ފެނިގެން ދިޔައީ ފިނޑިކަން ކަމަށް ވިދާޅުވެފައެވެ.

"ގުދުސްގެ މައްސަލައަކީ އިމްތިހާނެއް. އެ އިމްތިހާނުން އިސްލާމީ އުންމަތް ފެއިލްވެއްޖެ" އުރުދުޣާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެއް ފޮނުވުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށް އެކަމަށް ތާއީދު ކުރައްވާފައެވެ.

ގުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން ފަލަސްތީނުގެ ޣައްޒާގައި ވަނީ ވަރުގަދަ މުޒާހާރާތަކެއް ވެސް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތަކެއް ވެސް ދީފައެވެ.

ޣައްޒާގައި އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 62 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 3000 ވުރެން މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުސްލިމު އަޙެއް

    އެއްވެސް އިހުލާސްތެރިކަމެއް އޮވެގެން ބުނިބުނުމަކަށް ނުވޭ އެއީ އެއް މުސްލިމަކީ އަނެއް މުސްލިމް އަހާކަމަށްވާއިރު ތިބާއަށް އާރާއި ބާރު ލިބިހުރެ ތިބާ ކުރިމަތީގައި އަނެއް މުސްލިމު މީހާގެ ލޭއޮހޮރުވާލާއިރު ދުލުން ކުއްވެރިކޮށްލުމަށްފަހު އެކަމާއި ދެކޮޅަށް އަމަލު ނުދެއްކުމަކީ ހުދު ތިބާ ފެއިލްވެ ތިބާގެ އިސްހުލާސްތެރިކަމެއް ނެތުން

    • އުޚުތާ

      މުސްލިމް އަޚާ އެކުވެރިކަމަކީ ގަދަފަދަ ބާރެއް..
      އެކުވެރިވެގެން ނޫނީ އުއްމަތަށް ކުރި ނުލިބޭނެ..
      ކޮބާ ސައްދާމް..ކޮބާ ގައްޒާފީ..
      މިއީ ޚަޤީގަތަކީ...

  2. ޖިންނި

    އުރްޣާން ނޫނީ ކެރޭ ޒަޢީމަކު ނެތް